Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދެ ފަޅާއި ބިން ހިއްކަން ލަންކާ ކުންފުންޏަކަށް

ބިން ހިއްކުން ސީއެމްސީއާއި ހަވާލުކުރުން / ފޮޓޯ: އާބަންކޯ

ހުޅުމާލޭ ފަޅުން ހިއްކާ ސަރަހައްދާއި، ދިޔަނެރު ފަޅާއި، އަދި ތިލަފުށިން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކުމަށް ލަންކާ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައިވާކަން އާބަންކޯއިން ވަނީ ހާމަކޮށްފައެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ. ލަންކާގެ ސީއެމްސީސީގެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ސެވަރާޖާ މަނިންވަންނަން އެވެ.

މިމަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 3 އިިން 62.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމެޖެހިފައެވެ. މިއީ މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާފައިވާ ސަރަހައްދެވެ. އެގޮތުން ހުޅުމާލެއިން 1000 ގޯތި ދިނުމަށް ސަރުކާރުގެ ބިންވެރިޔާ ސްކީމުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މެރީނާއެއް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމާފައިވާ މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަޅުން 24.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ދިޔަނެރު ފަޅު ތަރައްޤީ ކުރަނީ ސަފާރީ އުޅަނދުތަކަށް ޚިދުމަތް ދެވޭނެ މެރީނާއެއް ތަރައްޤީ ކުރުމަށެވެ. އެގޮތުން ދިޔަނެރު 2 ގައި ތަރައްޤީ ކުރާ ބޯޓުތައް ބަނދަރުކުރާ ސަރަހައްދަކާއި ސާވިސް ސެންޓަރެއް ޤާއިމް ކުރުމަށް ވަނީ ހަމެޖެހިފައެވެ. މިތަނުގެ ކޮންސެޕްޓް އެއްކޮށް ތައްޔާރުކޮށް ނިމިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ ވަނީ މިދިޔަ އަހަރު ހާމަކޮށްފައެވެ.

މީގެ އިތުރުން ތިލަފުށި ބިމުން 9.6 ހެކްޓަރ ބިން ހިއްކަން ނިންމާފައިވާއިރު، މިއީ ތިލަފުށި އިންޑަސްޓްރިއަލް ރަަށެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އާބަންކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި މި ސަރަހައްދު ނިމުމުން އިންޑަސްޓްރިއަލް ބޭނުންތަކަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސީއެމްސީސީއާއި ހަވާލުކުރެވުނު، މިމަޝްރޫޢުގެ ސަބަބުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް އާބަންކޯއިން ޤަބޫލު ކުރެއެވެ. އަދި އެކުންފުނީގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށް ވަނީ ބުނެފައެވެ.