ބ. ގޮއިދޫގައި ސަރުކާރުން ހިންގި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު ބ. އަތޮޅުގެ ރަށްތަކަށް މިއަދު އަންނަނީ ދަތުރު ކުރައްވަމުންނެވެ. އެގޮތުން ބ. ގޮއިދޫއަށް ވަޑައިގެން ރައީސް ސޯލިހް ވަނީ އެ ރަށުގައި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައެވެ.
އެގޮތުން އެ ރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްކޭޓް ޕާކާއި، ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫއު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.
ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިންނެވެ. މިގޮތުން މި މަޝްރޫއުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މީގެއިތުރުން ގައިދޫގައި ތަރައްގީ ކޮށްފައިވާ ވޮލީކޯޓުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެނެވެ. އަދި، އެރަށުގައި ޤާއިމްކޮށްފައިވާ ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަޝްރޫއު ހިންގާފައި ވަނީ ބްރަދަރސް މޯލް އިންނެވެ.
ރައީސް ސޯލިހް ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވަމުންގެންދަވާއިރު އަންނަނީ އެ ރަށްރަށުގައި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވަމުންނެވެ.