Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ޑޮން 3" އަށް ކިއާރާއެއް ނޫން، ކްރިތީ

ރަންވީރު ސިންގް ޑޮންގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ބަތަލާއަކަށް ނަގަން ހަމަޖެހިފައި ވަނީ ކިއާރާ އަދުވާނީ ނޫން ކަމަށާއި ބަތަލާ އަކީ ކްރިތީ ސެނަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންވީރާ އެކީ މި މަހުގެ 9 ގައި "ޑޮން 3" އިއުލާންކުރުމާ އެކީ ފިލްމުގެ ބަތަލާ އަކީ ކިއާރާ ކަމަށް ވަރަށް ގިނަ މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެ ވާހަކަ އެހާ ބޮޑަށް ދެކެވުނީ ފިލްމު އިއުލާންކުރި ދުވަހު ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އޮފީހަށް ކިއާރާ ވެސް ގޮސް އުޅެނިކޮށް ފެނުމާ ގުޅިގެންނެވެ.

ނަމަވެސް އޭގެ ދެ ދުވަސް ފަހުން ބީބީސީ އޭޝިއާ ނެޓްވޯކަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު ފަރުހާން އަޚްތަރު ވަނީ "ޑޮން 3" އަށް އަދި ބަތަލާ އަކު ފައިނަލް ނުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު އަޑުތައް އަރާފައިވާ ގޮތުން ބަތަލާގެ ރޯލު ދޭން ނިންމާފައި ވަނީ ކްރިތީއަށެވެ. އަދި އެކަން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކިއާރާ އާއި ކްރިތީ ވެސް އަދި ރަންވީރާ އެކީ ފިލްމެއް ނުކުޅޭކަމެވެ. އެހެންވެ މިއިން ކޮންމެ ބަތަލާއަކު އޭނައާ އެކީ "ޑޮން 3" އަށް ކާސްޓްކުރިޔަސް، ބެލުންތެރިންނަށް އާ ޖޯޑަކަށް ވާނެ އެވެ. ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި އޮތީ 2025 ގަ އެވެ.

ޝާހްރުކް ޑޮންގެ ރޯލު ކުޅުނު 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން" ގައި ބަތަލާގެ ރޯލު ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

އޮރިޖިނަލް ޑޮން" އަކީ 1978 ގައި އަމީތާބް ބައްޗަނާއި ޒީނަތު އަމަންއާ އެކީ ގެނެސްދިން ފިލްމެކެވެ.