Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރަން ގޮތެއް ހޯދަނީ

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރަން އިތުރު ގޮތްތަކެއް ހޯދުމަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށް ކުރާ ދަތުރުތައް ނުވަތަ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު އެ ވައުދުގެ ދަށުން 2019 ވަނަ އަހަރުގެ ކުރީކޮޅު އެތެރޭގެ އުދުހުންތަކުގެ އަގުތައް ވަނީ ހެޔޮކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ޓިކެޓުގެ އަގުތައް އަނެއްކާވެސް ވަނީ ބޮޑުވާން ފަށައިފަ އެވެ.

ރިޔާސީ ކެމްޕޭނުގައި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރި ކަމަށާއި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އެރުމުން ޓިކެޓުގެ އަގާއި ހުރިހާ އެއްޗަކަށް ވެސް ބަދަލުތަކެއް އައި ކަމަށެވެ. އަދި އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރަން ސަބްސިޑީއެއް ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެތެރޭގެ އުދުހުންތައް މިއަށް ވުރެ އަގުހެޔޮ ކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް މަޝްވަރާތަކެއް ކުރެވިފައި އެހުރީ. ކުރިއަށް އޮތް ތަނުގައި އެ އެއްޗެހިތައް ހާމަކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުވި މައްސަލައިގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ސަރުކާރުން ފާއިތުވި ދެ އަހަރު އެ ކުންފުންޏަށް ސަބްސިޑީ ދީފައިނުވާ ކަމަށާއި ޓިކެޓު އަގު ބޮޑުކުރަން ޖެހުނީ އެކަމުގެ ސަބަބުން ކަމަށެވެ. އަދި ކުންފުނީގެ މާލީ ހާލަތު ދަށްވެ ހިންގުމުގެ ހަރަދު ބޮޑުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.