ބީއެމްއެލްގެ އެހީގައި ގައުމީ ދާރުލްއާސާރު ތަރައްގީކޮށް މިއަދު އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ. ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓް ހިންގުމަށް ދެ މިލިއަން ރުފިޔާގެ އެހީ ދީފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ހިންގުނު ޕްރޮޖެކްޓްގެ ދަށުން ބީއެމްއެލްގެ އެހީގައި ދާރުލްއާސާރުގައި ކުރިން ބަހައްޓާފައިނުވާ އާސާރީތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެ ތަކެތި ޑިސްޕްލޭކުރެވިގެންދާނެ ކަމަށެވެ. އަދި ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.
މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ އިއްޔެ ވަނީ ދާރުލްއާސާރު ބައްލަވާލައްވާފަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓުނު އޭޓީއެމްވެސް ވަނީ ދާރުލްއާސާރުގައި ބަހައްޓާފަ އެވެ.