Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ފްލެޓްތަކުގެ މަސައްކަތް މާޗް މަހު ފަށަނީ

ހިތަދޫ ހައުސިން ޔުނިޓް އަޅާ ސަރަހައްދުގައި ފެންސް ޖަހާފައި.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި ހަދަން ނިންމާފައިވާ ފްލެޓްތަކުގެ އަމަލީ މަސައްކަތް އަންނަ މާޗް މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގެ ޓީމަކާއި މަސައްކަތުގެ ކޮންޓްރެކްޓަރު، ޗައިނާގެ ނެޝަނަލް މެޝިނަރީޒް އެންޑް އިކްޕްމަންޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ޓީމެއް ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް މިކަމާއި ގުޅޭ މަަޝްވަރާކޮށްފަ އެވެ.

އައްޑޫގެ ދެ ރަށެއްގައި އިމާރާތް ކުރާ ފްލެޓްތަކުގެ އަމަލީ މަސައްކަތް މާޗް މަހުގެ ތެރޭގައި ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ދަށުން ހަދަން ނިންމައިފައި ވަނީ ޖުމްލަ 312 ފްލެޓެވެ. އެއީ ހިތަދޫގައި 264 ފްލެޓާއި ހުޅުމީދޫގައި 48 ފްލެޓެވެ. މި ފްލެޓްތައް އިމާރާތްކުރާ ބިން މިދިޔަ އަހަރުގެ ތެެރޭގައި ސާފުކޮށް، ބިމުގެ ސާވޭ ވެސް ވަނީ ހަދައިފަ އެވެ. ސާވޭގެ މަސައްކަތްކޮށްފައި ވަނީ ލޭންޑް އެންޑް މެރިން އެންވަޔަރްމެންޓަލް ރިސޯސަސް ގްރޫޕް (ލޭމާ ޕްރައިވެޓް ލިމިޓެޑް) ގެ ފަރާތުންނެވެ.

ހައުސިން ޔުނިޓްތަކުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ވަނީ އައްޑު އަށް ގެނެސްފަ އެވެ. އެ މަސައްކަތަށް ފަަސޭހަ ކުރުމުގެ ގޮތުން ފޯކަލް ޕޮއިންޓްތަކެއް ހެދުމާ ބެހޭ ގޮތުން ވެސް ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި މިހާތަަނަށް ހަދާފައި ވަނީ ފޭދޫގައި އިމާރާތް ކުރި 25 ހައުސިން ޔުނިޓެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

މިހާރު އަޅަން ތައްޔާރުވަމުން އަންނަ ފްލެޓްތަކަކީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އަޅަން ޕްލޭންކޮށްފައި ހުރި ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ނުފެށި މިހާތަނަށް ދިގުލައިގެން ގޮސްފައިވާ ފްލެޓްތަކެވެ.