އައްޑޫ ސިޓީ ސްކެއާގެ ސެކިއުރިޓީ ދެ އަހަރުގެ މުއްދަތަށް ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން ކައުންސިލުން ހުޅުވާލައިފި އެވެ.
ހިތަދޫ ލިންކް ރޯޑް ސަރަހައްދުގައި ހަދާފައިވާ ސިޓީ ސްކެއާގެ ސެކިއުރިޓީ ބަލަހައްޓައިދޭން ޝައުގުވެރިިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނީ މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މާދަމާ މެންދުރު ފަހު 2:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހޭ ކަމަށެވެ.
ރަޖިސްޓްރީވާން ޖެހެނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު މި މެއިލަށް [email protected] ފޮނުވައިގެންނެވެ. ބީލަމުގައި ބައިވެރިވެވޭނީ ސެކިއުރިޓީ ފަދަ ހިދުމަތްތައްދޭ އެ ބާވަތުގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަންތްތައް ބަލައިގަތުމާއި ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ގެ ހެނދުނު 10:30 ގައި ކައުންސިލް އިދާރާގަ އެވެ.
އައްޑޫ ސިޓީ ސްކެއާ އަކީ މާލޭގެ ޖުމްހޫރީ މައިދާން ގޮތަށް ގައުމީ ބޮޑު ދިދަ ނަގާ ތަނެކެވެ. އަދި މިއީ އާންމުން ހިތްފަސޭހަކޮށް، އިޖުތިމާއީ ގުޅުންތައް ވެސް ބަދަހިކުރެވޭ ގޮތަށް ހަދާފައިވާ އައްޑޫގެ އެންމެ ހިތްގައިމު އެ ތަނެވެ. ސިޓީ ސްކެއާގައި ތަފާތު ްއެކި ކަހަލަ އިވެންޓްތައް ބާއްވަ އެވެ. އަދި އިވެންޓްތަކަށް އެތަން ކައުންސިލުން ކުއްޔަށް ވެސް ދޫކުރެ އެވެ.