Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޓާޝަރީ ހޮސްޕިޓަލްތަކެއް ހަދަން ޗައިނާގެ ކުންފުންޏަކަށް

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ. އެއްބަސްވިމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެކްޒެކެޓިވް ޢަބްދުލް ހައްނާން ހުސެއިނެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއި އެވެ.

މަސައްކަތް ޙަވާލުކުރީ މަސައްކަތް ފަށާތާ 30 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް 76 މިލިއަން ޑޮލަރަށެވެ. ކުޅުދުއްފުށްޓާއި ތިނަދޫގައި ތަރައްގީ ކުރަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑަކީ މިހާރު ވެސް ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށާއި އެއްބަސްވި މުއްދަތަށް އެ ކުންފުނި ދެ ހޮސްޕިޓަލްގެ މަސައްކަތް ވެސް ނިންމާނެ ކަމަށެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.