ބޮލީވުޑްގެ ފިލްމީ އާއިލާތަކަށް ނިސްބަތްވާ ޒުވާނުންތަކެއް އިންޑަސްޓްރީ އަށް ނެރެން ނިންމާފައިވާ ފިލްމު "ދި އާޗީސް" މި އަހަރުގެ ޑިސެމްބަރު 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ޓްރެއިލާ ވެސް ދައްކައިލި މި ފިލްމަކީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާގެ އިތުރުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ތައާރަފުކުރާ ފިލްމެވެ. މި ތިން މީހުންގެ އިތުރުން "ދި އާޗީސް" އިން ޒުވާން އާ ބޮޑު ކާސްޓެއް ފެންނާނެ އެވެ.
މި ފިލްމަކީ ހުޅަނގުގެ މަޝްހޫރު ކޮމިކް ދި އާޗީ އަށް ބިނާކޮށް، އެކަމަކު މީގެ ވާހަކައިގައި އިންޑިއާގެ ރަހަ އާއި ކުލަވަރު ޖައްސައިގެން ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ ޓީން-މިއުޒިކަލް ކޮމެޑީއެކެވެ. ޒޯޔާ އަކީ "ގަލީ ބޯއި" އާއި "ޒިންދަގީ މާ މިލޭގީ ދުބާރާ" އަދި "ދިލް ދަޅަކް މޭ ދޯ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިިރެކްޓަރެވެ.
"ދި އާޗީސް" ބެލުންތެރިންނަށް ދޫކޮށްލާ ތާރީހު އިއްޔެ އިއުލާންކޮށް، ފިލްމުގެ ޕްރޮމޯޝަނަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި މިހާރު އަންނަނީ ބޮޑެތި ބިލްބޯޑް އިޝްތިހާރުތައް ބަހައްޓަމުންނެވެ.