Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

"ގެސްޓް ހައުސް ވެންޗާގެ މަސައްކަތްތައް ލަހެއް ނުވޭ"

ގެސްޓް ހައުސް ވެންޗާގެ ދަށުން އަމިއްލަ ފަރާތްތަކުގެ ބިން ކައުންސިލާއި ހަވާލު ކުރުމުގެ ތެރެއިން. ފޮޓޯ: ކައުންސިލް މީޑިއާ

މިދިޔަ އަހަރުގެ ތެރޭގައި ގެސްޓް ހައުސް ވެންޗާ މަޝްރޫއު ވަރަށް ބާރަށް ކުރި އަށް ގެންދެވުނު ނަމަވެސް، އަމަލީ މަސައްކަތްތަކާ ހަމަ އަށް އަދި ނުދެވިގެން އުޅެނީ ކުރަން ޖެހޭ މަސައްކަތްތައް ގިނަކަމުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިޤް ވިދާޅުވެއްޖެއެވެ.

ދުވަހު ނޫސް ހަވީރަށް ދިން އިންޓަވިއު އެއްގައި ސޯބެ ވިދާޅުވެފައި ވަނީ ގެސްޓް ހައުސް ވެންޗާ މަޝްރޫއަށް އަމަލީ ސިފަ އަންނަން ލަސްވެފައިވާ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޑިވެލޮޕަރުންނަށް ފުރުސަތު ހުޅުވާލުމުން ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ކައުންސިލުން ވަނީ ގެސްޓް ހައުސް ތަރައްގީ ކުރަން ބިން ކުއްޔަށް ދޭން އައްޑޫގެ އަވަށްތަކުގެ ބައެއް ރަށްވެހިންނާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ވެސް ހަދައިފަ އެވެ.

އައްޑޫ ސިޓީގެ ގެސްޓް ހައުސް ވެންޗާ އަށް ޝައުގުވެރިކަން ފާޅުކޮށް، އިންޑިއާ، ނެދަލެންޑްސް، ޔޫއޭއީ ފަދަ ގައުމުތަކުގެ ކުންފުނިތަކުން ވަނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ "18 އެސްޖީ ރިއަލިޓީ" އާ އެކު، ގެސްޓް ހައުސް ތަރައްގީ ކުރަން ބިންތައް ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި އޮކްޓޯބަރު 13، 2014 ގައި ވަނީ ސޮއިކޮށްފަ އެވެ.

އައްޑޫ ސިޓީގެ ގިނަ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ގެސްޓް ހައުސް ވެންޗާގެ ދަށުން ދޮޅު އަހަރުގެ ތެރޭގައި އައްޑޫގައި 2،000 ގެސްޓް ހައުސް އެނދު ތަރައްޤީކުރުމަށް ކައުންސިލުން ވަނީ އަމާޒު ކަނޑައަޅާފައެވެ.