Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އާމިރުގެ ފިލްމެއް އަންނަ އަހަރު ފެންނާނެ

ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ އެކީ އާމިރު.

އެކްޓިން އިން ބްރޭކެއް ނަގައިގެން ހުރި ބޮލީވުޑްގެ ތަރި އާމިރު ޚާން އަންނަ އަހަރު ފިލްމަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި 58 އަހަރުގެ އެކްޓަރުގެ އާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ އެވެ،. އަދި އެ ފިލްމު އަންނަ އަހަރުގެ ޑިސެމްބަރު މަހުގ ފަހުކޮޅު ރިލީޒްކުރާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އާމިރުގެ ފިލްމު ތާވަލުކޮށްފައި ވަނީ އަކްޝޭ ކުމާރުގެ "ވެލްކަމް" ފްރެންޗައިޒްގެ ތިން ވަނަ ބައި "ވެލްކަމް ޓު ޖަންގަލް" ވެސް ރިލީޒްކުރަން އޮތް ތާރީހު ކަމަށްވާ ޑިސެމްބަރު 20 އެވެ.

ނަމަވެސް އާ ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް އާމިރު އަދި ކަށަވަރުކޮށެއް ނުދެ އެވެ. އެކަމަކު މިއީ އޭނަގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ހަދަން ނިންމާފައިވާ ފިލްމެކެވެ. ބައެއް މީޑިއާތަކުން ބުނީ އާ ފިލްމުގެ ޑައިރެކްޓަރަކީ ރާޖްކުމާރު ސަންތޯޝީ ކަމަށެވެ. އޭނައާ އެކީ އާމިރު ކުރިން ވެސް މަސައްކަތްކުރި އެވެ. އެއީ ސަލްމާން ޚާން ވެސް މުހިއްމު ރޯލެއް ކުޅުނު 1994 ގެ "އަންދާޒު އަޕްނާ އަޕްނާ" އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި "މިސްޓަ ޕާފެކްޝަނިސްޓް" ގެ ނަމުން މަޝްހޫރު އާމިރު އެކްޓިން އަށް ބްރޭކެއް ނެގީ މިދިޔަ އަހަރު ރިލީޒްކުރި "ލާލް ސިންގް ޗައްޑާ" އަށް ލިބުނު ފިނި ތަރުހީބާ ގުޅިގެންނެވެ. އެކަމާ ހެދި އޭނަ އާ ފިލްމަކަށް ސޮއިނުކޮށް ބުނެފައި ވަނީ ބޭނުން ވަނީ އާއިލާއާ އެކީ ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ އެކްޓިން އަށް އެނބުރި އަންނަން މަދުވެގެން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބުންޏެވެ.