ފަށްކަނޑަން ކައިވެނި ކުރި ދެމީހަކު 5000 ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.
ފެމިލީ ކޯޓުން ބުނެފައިވަނީ ވަރި ސާބިތުކުރުމަށް އެދި އެކޯޓަށް ހުށަހެޅި މައްސަލަައެއްގައި ހިމެނޭ ދެ ފަރާތް، ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ކޮންމެ ފަރާތެއް 5000 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާ ކަމަށެވެ.
ފަރާތްތައް ޖޫރިމަނާކޮށްފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުންނެވެ.
މިފަދައިން ނިންމުމުގައި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި، ތިންފަށްވެފައި ވަނިކޮށް ކައިވެނިކޮށްފައިވުމާއި، ކާވެނީގެ އަޤްދުވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށާއި ކާވެނީގެ އަޤްދުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށާއި، ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން، ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ޝަރީއަތުން ރިއާޔަތްކޮށްފައި ކަމަށް އެކޯޓުން މައުލޫމާތުދެއެވެ. އެގޮތުން އަދަބު ކަނޑައަޅާފައިވަނީ، ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެފަރާތުން ރާވައިގެން ކައިވެނި ކޮށްފައިވާކަން އެނގޭތީ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
އާއިލާއާ ބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގައި ވާގޮތުން، ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި، މީހަކު ބުނެގެން، ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކާ މީހަކާ އިނުމަކީ ކުށެއް ކަމަށެވެ. މިފަދަ ހާލަތްތަކުގައި މީގެކުރިން ވެސް ކޯޓުން އަދަބު ކަނޑައަޅައެވެ.