Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ސަނީ އަށް އެންމެ ކަމުދަނީ އާލިއާ

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓާ އެކީ ފިލްމެއް ކުޅެން ވަރަށް ބޭނުންވާ ކަމަށް އެކްޓަރު ސަނީ ޑިއޯލް ބުނެފި އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމު "ގަދަރު 2" މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ އިރު، ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ސަނީ، 66، ބޮލީވުޑްގެ މިހާރު ބަތަލާއިންގެ ތެރެއިން އެންމެ ގަޔާވަނީ އާލިއާ، 30، ދެކެ ކަމަށެވެ. އެހެންވެ އޭނައާ އެކީ ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރު އެކްޓަރު ބުންޏެވެ.

"މި ބުނީ އާލިއާއާ އެކީ ލޯބީގެ ރޯލެއް ކުޅޭ ވާހަކައެއް ނޫން. އެކަމަކު އަހަރެމެން ދެ މީހުންނަށް ދެބަފައިން ކަހަލަ ރޯލުތަކެއް ކުޅެން ލިބިއްޖެ ނަމަ ވަރަށް އުފާވާނެ،" އާލިއާ އުމުރުގެ ދެ ފިރިހެން ދަރިން ތިބި ސަނީ ބުންޏެވެ. "އެފަދަ ރޯލެއް ލިބިއްޖެ ނަމަ ވަގުތުން ގަބޫލު ވެސް ކުރާނަން."

އޭނަ ބުނި ގޮތުގައި އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންނާ އެކީ ފިލްމެއް ކުޅުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. އަދި އެފަދަ ފުރުސަތަކަށް އިންތިޒާރުކުރާ ކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ސަނީ ބުންޏެވެ. އާލިއާގެ ދައްދަ ޕޫޖާ ބަޓާ އެކީ ސަނީ ފިލްމުތަކެއް ކުޅެފައިވެ އެވެ.

އާލިއާ ވަނީ ސަނީގެ ބައްޕަ މަޝްހޫރު އެކްޓަރު ދަރުމެންދުރާއާ އެކީ މަސައްކަތްކޮށްފަ އެވެ. އެއީ މިިދިޔަ މަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގަ އެވެ. އެ ފިލްމުގެ މަސައްކަތްކުރި އިރު، އާލިއާ އަށް ދަރޭ ވަރަށް ތައުރީފު ވެސް ކޮށްފައިވެ އެވެ. އެގޮތުން އޭނަގެ ހުނަރުވެރިކަމުގެ ވާހަކަ ވަރަށް ގިނަ އިންޓަވިއުތަކުގައި ދަރޭ ހިއްސާކޮށްފައިވެ އެވެ.

އާލިއާ އަށް މި އަހަރު ވަނީ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގައި ކުޅުނު ރޯލުންނެވެ.

ހުނަރުވެރި ކާމިޔާބު ބަތަލާއާ އެކީ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ސަނީ ފާޅުކުރި އިިރު، އޭނަގެ ކޮއްކޮ ބޮބޯ ޑިއޯލް ވަނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ އާލިއާގެ ފިރިމީހާ ރަންބީރްގެ ފިލްމު "އެނިމަލް" ގެ ރޯލެއް ކުޅެފަ އެވެ.