ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. ކޮޅުފުށި ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްފިއެވެ.
މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 93،787،059.02 ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިމަޝްރޫއުގެ ދަށުން 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކުރުމާއި މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދުއެވެ.