Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

އައްޑޫގެ ތަރައްގީ އަށް އަޅާނުލުން މާޒީވެއްޖެ

މި ސަރުކާރު އައި ފަހުން އައްޑޫގެ ތަރައްގީ އަށް އަޅާނުލައި އޮތް އޮތުން މިހާރު މާޒީވެއްޖެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ މަގުތަކަށް އައި އައިސްފައިވާ ބަދަލު ދައްކުވައިދޭ ވީޑިއޯއަކާ އެކީ އޭނަ ޓްވިޓާގައި ވިދާޅުވީ އައްޑޫގައި މިހާރު ވެސް 124 ކިލޯ މީޓަރުގެ މަގު ހެދުން ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިހާރު އަންނަނީ ނިމެމުން ކަމަށެވެ.

"[އެހެންވީމަ] އައްޑޫގެ ތަރައްގީއަށް އަޅާނުލާ އޮތުން މާޒީވެ ގޮއްސި." އަދާލަތު ޕާޓީ އަށް ނިސްބަތްވާ އަލީ ޒާހިރު ވިދާޅުވި އެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. އެއީ އެފްްކޮންސް އާއި ޖީކޭޑީއިންނެވެ. އެގޮތުން ތާރު އަޅައިގެންނާއި ގާ އަތުރައިގެން މަގުތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ތެރެއިން ހިތަދޫގެ ވަރަށް ގިނަ މަގުތަކެއް މިހާރު ވަނީ ހަދައިފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އައްޑޫ މަގު ހެދުމުގެ މަޝްރޫއު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިމޭނެ އެވެ.

މަގު ހެދުމުގެ އިތުރަށް މި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫތަކުގެ ތެރޭގައި ބިން ހިއްކުމާއި ގަން އެއާޕޯޓް ތަރައްގީކުރުން ވެސް ހިމެނެ އެވެ.