އިންޑިއާގެ ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި އެންމެ ބޮޑު އެއް ހަމަނުޖެހުމުގެ ތެރޭގައި ހިމެނޭ ބާބްރީ މިސްކިތް ތަޅާލި މައްސަލައާ ގުޅުވައި ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި ވަޔަކޮމް 18 ސްޓޫޑިއޯސް އިން ހަދަން ނިންމާފައިވާ މި ކޯޓް ޑްރާމާގެ ނަމަކީ "ޖަންމަބޫމީ" އެވެ. އަދި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅޭނީ ސަނީ ޑިއޯލް އާއި ސަންޖޭ ދަތެވެ. ރިޕޯޓްތައް ބުނާ ގޮތުން ދޫރުދަރުޝަންގެ "ޖޯ ކަހޫގާ ސަޗް ކަހޫގާ" ގެ ޑައިރެކްޓަރު މަނޯޖް ނޯޓިޔާލް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޖަންމަންބޫމީ" ގައި ސަނީ ކުޅޭނީ ވަކީލެއްގެ ރޯލެވެ. އޭނަ އަކީ 1993 ގެ ފިލްމު "ދާމީނީ" ގައި ވެސް ވަކީލެއްގެ ރޯލު ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދާފައިވާ އެކްޓަރެކެވެ. އެ ފިލްމުގައި ސަނީ ކުޅުނު ރޯލަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.
އާ ފިލްމެއްގެ ޝޫޓިން އަށް ސަނީ ތައްޔާރު މި ވަނީ އޭނަގެ އެންމެ ފަހުގެ ފިލްމު "ގަދަރު 2" ގެ ޖާދޫގައި މުޅި އިންޑިއާ ޖެހިފައި ވަނިކޮށެވެ.
"ޖަންމަބޫމީ" ގެ އިތުރުން ވެސް ސަނީ އާއި ސަންޖޭ އެކީގައި ފެންނާނެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ ޝޫޓޮން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް "ބާޕް" އެވެ. އޭގެ ކާސްޓްގައި ޖެކީ ޝްރޮފާއި މިތުން ޗަކްރަބަތީ ވެސް ހިމެނެ އެވެ.