Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

ސީއެންއެން އަށް ބީބީސީގެ ކުރީގެ ވެރިއެއް

ދުނިޔޭގެ އެންމެ މަޝްހޫރު އެއް މީޑިއާ ނެޓްވޯކް ކަމަށްވާ އެމެރިކާގެ ސީއެންއެން އަށް އާ ވެރިއަކު ހަމަޖައްސައިފި އެވެ.

އެތަނުގެ ޗީފް އެކްޒެކެޓިވްގެ އިތުރުން ޗެއާމަންގެ މަގާމަށް ހަމަޖެއްސީ މާކް ތޮމްޕްސަން، 66، އެވެ. އޭނަ އަކީ ކުރިން އިނގިރޭސިވިލާތުގެ ބީބީސީގެ ޑިރެކްޓަރު ޖެނެރަލްގެ އިތުރުން ނިއު ޔޯކް ޓައިމްސްގެ ޗީފް އެގްޒެކެޓިވް އެވެ.

ސީއެންއެންގެ އާ ވެރިއަކަށް މާކް ހަމަޖެއްސުމާ ގުޅިގެން އެ ނެޓްވޯކްގެ ބެލެނިވެރި ފަރާތް ކަމަށްވާ ވޯބާ ބްރޮސް ޑިސްކަވަރީގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ޒަސްލާވް ވިދާޅުވީ ސީއެންއެންގެ ޓީމާ މާކް ގުޅުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި އުފަލެއް ކަމަށެވެ. އަދި މީޑިއާގެ ދާއިރާ އިން އޭނަ ހޯއްދަވާފައިވާ ތަޖުރިބާ އާއި މީޑިއާ ޝަހުސިއްތެއްގެ ގޮތުގައި ހޯއްދަވާފައިވާ އިހުތިރާއި ގަދަރާ އެކީ ސީއެންއެން އަށް އޮތީ ވަރަށް އުޖާލާ، ފަހި ކުރިމަގެއް ކަމަށް ވިދާޅުވި އެވެ.

މާކް ސީއެންއެންގައި ރަސްމީކޮށް މަސައްކަތް ކުރައްވަން ފައްޓަވާނީ އޮކްޓޯބަރު މަހުގެ 9 އިން ފެށިގެންނެވެ. އޭނަ ވިދާޅުވީ ސީއެންއެން އަކީ ވަރަށް މަގުބޫލު ތަނެއް ކަމަށާއި އެތައް އަހަރެއް ވަންދެން ސީއެންއެން ބެލުމަށް ފަހު، އެ ހިންގުމާ ހަވާލުވެވަޑައިގަންނަން ފުރުސަތު ލިބިވަޑައިގަތުމަކީ ކެރިއަރުގެ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.

ލަންޑަށް އުފަން މާކް ބީބީސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވީ 2004-2012 އަށެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް މީޑިއާ ނެޓްވޯކް ކަމަށްވާ ސީއެންއެން ވުޖޫދަށް އައީ މީގެ 43 އަހަރު ކުރިން 1980 ގަ އެވެ.