Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ނ. އަތޮޅަށް އާރްޓީއެލް ފެރީ ނޮވެމްބަރުގައި

އާރްޓީއެލް ޚިދުމަތް ހުވަދޫގައި ފެށުމަށް ބޭނުންވާ ލޯންޗު / ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

ނ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ނޮވެމްބަރު 17 ގެ ކުރިން ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގދ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުން ރަސްމީކޮށް ފެށުން ފާހަގަކުރަން ގދ. ތިނަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ތައާރަފް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށާއި އެގޮތުން 17 ނޮވެމްބަރުގެ ކުރިން އާރްޓީއެލް ހިދުމަތް އެ އަތޮޅުގައި ފެށޭނެ ކަމަށެވެ.

އަދި 2024 ނިމޭއިރު މުޅި ރާއްޖެ އޮންނާނީ އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލެވިފައި ކަމަށާއި މި ހިދުމަތަކީ ދަތުރުފަތުރަށް ރައްޔިތުން މީގެކުރިން ކުރަމުން އައި ހޭދައަށް ލިބިގެންދިޔަ ބޮޑު ލުޔެއް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެމްޓީސީސީން މިހާރު އަންނަނީ އާރްޓީއެލް ފެރީގެ ހިދުމަތް ހދ. ހއ. ށ. އަދި ޅ. އަތޮޅާއި ގއ. އަދި ގދ. އަތޮޅުގެ އިތުރުން އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ދެމުންނެވެ.