Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާލެ ސަރަހައްދަށް ބަސް ދަތުރު 24 ގަޑިއިރު

އެމްޓީސީސީ ބަސްތަކެއް / ފޮޓޯ: އެމްޓީސީސީ

ޝިފްޓް ޑިއުޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް މާލެއާއި ހުޅުމާލެ ދެމެދު ދަތުރު ކުރާ ބަސް 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސިން މިރެއިން ފެށިގެން 24 ގަޑިއިރު ހުޅުމާލެ-މާލެ ދަތުރު ކުރާނެ ކަން އިއުލާން ކޮށްފައިވާއިރު، ދަންވަރުގެ ބަސް ޝެޑިއުލްވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ވެސްޓް ޕާކް ރޫޓް 1 އަދި ރޫޓް 7 ގެ ބަސް ދަތުރުތައް ވަނީ ޝެޑިއުލްކޮށްފައެވެ. މި ޝެޑިއުލްއަށް 1:15 އިން ފެށިގެން ފަތިހު 5:15 އާއި ހަމައަށް ވަނީ ކޮންމެ 1 ގަޑިއިރަކުން ދަތުރު އިތުރު ކުރެވިފައެވެ.


މިކަމާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މާލެއާއި ހުޅުމާލެއާ ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންކަމަށެވެ. އަދި ދަންވަރު ދަތުރުތައް އޮންނާނީ ކޮންމެ ގަޑިއިރަކުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ބަދަލާއެކު ރޭގަނޑު ބޮޑު އަގު ދީފައި ޓެކްސީ ދަތުރު ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ވަނީ މިހާރު އިއުލާން ކުރެވޭ ގަޑިތަކަށް ކުރިއަށް އޮތް ތަނުގައި ބަދަލު އައުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތުން ރައްޔިތުންގެ އެދޭގޮތަކަށް ގަޑިތައް ބަދަލު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީން މާލެއާއި ހުޅުމާލެ ފޭސް 1 ދެމެދު ބަހުގެ ޚީދުމަތް ދެނީ ކޮޅަކަށް 10 ރުފިޔާގެ ރޭޓުންނެވެ. އަދި ފޭސް 2 އަށް ދަތުރުކުރަނީ ކޮޅަކަށް 15 ރުފިޔާއަށެވެ. މިހާތަނަށް ބަހުގެ ޚިދުމަތް ދެމުން އަންނަނީ ފަތިހު 5:30 އިން ދަންވަރު 12:30 އަށެވެ.