ވުލްވްސް އަށް ކުޅެމުން އައި ޕޯޗުގަލްގެ މިޑްފީލްޑަރު މަތިއަސް ނުނޭސް މެންޗެސްޓާ ސިޓީ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ނުނޭސް ،25، ސިޓީ އަށް ބަދަލުވާނީ 47.3 މިލިއަން ޕައުންޑްގެ އަގަކަށެވެ. ނުނޭސް ގެންނަން ސިޓީން މީގެކުރިން ހުށަހެޅި ބިޑު ބަލައިގަންނަން ވުލްވްސް އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
ސިޓީން އެޓީމުގެ މެދުތެރެ ވަރުގަދަކުރަން ނިންމީ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް އަނިޔާވެ ހަތަރު މަސް ދުވަހަށް ކުޅުމާ ދުރަށްދާން ޖެހުމުންނެވެ.
ނުނޭސް ވުލްވްސްއާ ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ސްޕޯޓިން ލިސްބަން އިން 38 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިދިޔަ ސީޒަނުގައި ވުލްވްސް ރެލިގޭޝަނުން ސަލާމަތްކޮށްދިނުމުގައި ނުނޭސް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ނުނޭސް ވަނީ މި ސީޒަނުގައި ވުލްވްސް އަށް ދެ މެޗު ކުޅެދީފަ އެވެ.
ޓްރާންސްފާ މާކެޓް މާދަމާ ބަންދުވާއިރު ސިޓީން ވަނީ އެ ކްލަބުގެ ޒުވާން ފޯވާޑް ކޯލް ޕާމާ 45 މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީ އަށް ވިއްކާލަން ވެސް އެއްބަސްވެފަ އެވެ.