Last Updated: August 15, 18:10
Friday, August 15, 2025
ޚަބަރު

ރައްޔިތުންނަށް ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި މާފުކޮށްދޭނަން

ޤާސިމް އިބްރާހިމް-

ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކުވެސް ދެކޮޅު ނަހަދާނެ ކަމަށެވެ.

އެހެންނަމަވެސް އަގުބޮޑު ބިންތަކެއް ހިލޭ ދެވޭނަމަ އެންމެ ހާލުގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކޮށްފައިވާ ފްލެޓްތަކުން ކުލި ނެގުމަކީ ކޮން އިންސާފަކުން ކުރެވޭ ކަމެއްތޯ ޤާސިމް ސުވާލު އުފައްދާފައިވެއެވެ.

"ނަމަވެސް ދިވެހިދައުލަތުގައި އޮތް ( އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ ) އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭ އިރު، އެ ހައްްޤުން އެއްބައި ރައްޔިތުން މަޙްރޫމުވެފައި، އަދި ހަމަ އެބިމުގައި ޢިމާރްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 – 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ އެވެ!" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނެ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު، ޤާސިމްވެސް ގެންދަވަނީ ރަށްރަށަށް ދަތުރުކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.