Last Updated: July 18, 13:50
Saturday, July 18, 2026
ދުނިޔެ

އެސްޓްރޮނޯޓުންނަށް ކޮސްމެޓިކް ބްރޭންޑެއް

އެސްޓްރޮނޯޓުންނަށް ހާއްސަކޮށްގެން ޖަޕާންގެ ކުންފުންޏަކުން ހަމަށް ހާއްސަ އުފެއްދުންތަކެއް ހިމެނޭ ބްރޭންޑެއް ލޯންޗްކޮށް، އޭގެ ބައެއް އުފެއްދުންތައް ދައްކާލައިފި އެވެ.

"ކޮސްމޮލޮޖީ" ގެ ނަން ދީފައިވާ މި ބްރޭންޑުން އެންމެ ފުރަތަމަ ދައްކައިލީ ފިރިހެން އެސްޓްރޮނޯޓުންނަށް ހާއްސަ ދެ އުފެއްދުމެކެވެ. އެއީ ފޭސްވޮޝްއަކާއި ލޯޝަނެވެ. "ކޮސްމޮލޮޖީ" އަކީ ޖަޕާންގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑެއް ކަމަށްވާ "ޕޯލާ" އާއި އަނާ ހޯލްޑިންސް ގުޅިގެން ލޯންޗްކުރި ބްރޭންޑެކެވެ.

އަނާ އަކީ އޯލް ނިޕޯން އެއާވޭސްގެ ގެ ބެލެނިވެރި ކުންފުންޏެވެ.

"ޕޯލާ" އިން ބުނި ގޮތުގައި "ކޮސްމޮލޮޖީ" ވުޖޫދަށް ގެނައީ އެސްޓްރޮނޯޓުން ޖައްވީ މިޝަންތަކަށް ގޮސް އެތަނުގައި ދުވަސްތަކެއް ހޭދަކުރާ އިރު، އެ މީހުންގެ ހަމަށް ދިމާވާ ތަފާތު އެކި ކަހަލަ މައްސަލަތަކަށް ހާއްސަކޮށްގެން ހަމަށް ހާއްސަ އުފެއްދުންތަކެއް ތައްޔާރުކޮށްދޭން ޖަޕަނީސް އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އެޖެންސީ (ޖާޒާ) އިން އެދުނު އެދުމަކަށް ވުޖޫދަށް ގެނައި ބްރޭންޑެކެވެ.

އެހެންވެ މި ބްރޭންޑްގެ ކޮންމެ އުފެއްދުމަކީ ލޯ ގްރެވިޓީ އާއި ޖައްވުގެ "އެންމެ ޑްރައި ކޮންޑިޝަން" ގައި ހަމަށް ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކޮށްދޭނެ އުފެއްދުމެއް ކަމަށް ބުންޏެވެ. އެގޮތުން "ކޮސްމޮލޮޖީ" ގެ ފޭސްވޮޝް އަކީ މޫނުގައި އުނގުޅުމަށް ފަހު، ފެނުން ދޮންނަން ޖެހޭ އުފެއްދުމެއް ނޫނެވެ.

"ކޮސްމޮލޮޖީ" ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށީ 2020 ގަ އެވެ. އަދި އެތައް މަރުހަލާތަކަކަށް ފަހު އެ ބްރޭންޑަށް ޖާޒާ އިން ފެހި ސިގުނަލް ދިނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

އެހެންވެ އަންނަ އަހަރު ޖަޕާނުގެ އެސްޓްރޮނޯޓް ކިމިޔާ ޔުއީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ކުރާ ދަތުރުގައި ފުރަތަމަ ފަހަރަށް "ކޮސްމޮލޮޖީ" ގެ ފޭސްވޮޝް އާއި ލޯޝަން ހިމެނޭ ކިޓް ގެންދާނެ އެވެ.