ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުކުރިކުރުން ބަދަލުކޮށް 6 ޕަސެންޓަށް ކުޑަ ކުރާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މިއަދު ރ. އިންނަމާދޫގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ރަަށްރަށަށް ކުރާ ދަތުރުތަކުން ސާފުވީ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑު ވެފައިވާކަން ކަމަށެވެ. އިލްޔާސް ވިދާޅުވީ އޭނާ ވެރިކަމަށް އަންނަނީ ދިރިއުޅުމުގެ އަގު ތިރިކުރުމަށް ކުރަންޖެހޭ ކަންތައްތަކެއް ކުރުމަށް ކަމަށެވެ.
"ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށްފި. އަޅުގަނޑު މިއަންނަނީ އަޅުގަނޑު ވެރިކަމާ ހަވާލުވާ ދުވަހުން ފެށިގެން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރިކުރުން، އަލުން އަނބުރާ 6 ޕަސެންޓަށް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތް ފަށަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ މަސައްކަތް ފަށާނަން." އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 8219 ރުފިޔާއަށް ވުރެއް ދަށުން ވިޔަފާރިވާ ހުރިހާ ތަނަކުން ނަގާ ޓެކްސް އެކީ ކަނޑާލާނެ ކަމަށެވެ.
އިންނަމާދޫގައި ވަޑާމުގެ މަސައްކަތް ކުރާ ފަރާތްތައް ތިބިކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެފަދަ އަމިއްލަ މަސައްކަތްކުރާ ބޭފުޅުންނަށް ދަތިވާކަންކަން އެބަހުރި ކަމަށެވެ. ހާއްސަކޮށް ބޭންކުގެ ތެރެއިން ލިބެންޖެހޭ އެކި ހިދުމަތްތައް ނުލިބި އެފަރާތްތަކަށް ދަތުވާކަން ފާހަގަކުރިއެވެ. އެގޮތުން އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމުގައި އެފަދަ އަމިއްލަ މަސައްކަތްތައްކުރާ ފަރާތްތަކަށް ލިބޭ އާމްދަނީއަކީ އެމީހުނަށް ލިބޭ ރަސްމީ އާމްދަނީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ބަލައިގަންނާނެ ކަމަށާއި އަދި ބޭންކްތަކުން އެމީހުންނަށް ލިބެންޖެހޭ ލޯނާއި ކްރެޑިޓް ކާޑް ފަދަ ހިދުމަތްތައް ލިބޭނެގޮތަކަށް ނިޒާމު ބަދަލުކުރާނެ ކަމަށެވެ.
މީގެއިތުރުން އިލްޔާސް ވިދާޅުވީ ރަށްރަށުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދާ މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ހަމަޖައްސައި އެކަންކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި އޮންނައިރު އިލްޔާސް އަންނަނީ ކެމްޕޭނަށް ރަށްރަށަށް ދަތުރުކުރައްވާ ސަޕޯޓަރުންނަށް އޭނާގެ ސިޔާސަތުތައް ސާފުކޮށްދެއްވަމުންނެވެ.