Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ރާކީ އަކީ މިހާރު ފާތިމާ!

އަބަދު ވެސް ކޮންމެވެސް ހާޖާނުގަނޑެއްގެ ތެރޭގައި އުޅޭ އިންޑިއާގެ ސެލެބްރިޓީ ރާކީ ސާވަންތު އުމްރާގެ އަޅުކަން އަދާކޮށް، އެނބުރި މިއަދު ގައުމަށް ދިއުމަށް ފަހު އޭނަ އަކީ މިހާރު "ފާތިމާ" ކަމަށް ބުނެފި އެވެ.

އެއާޕޯޓްގައި ރާކީ އަށް މަރުހަބާ ކިޔަން ތިބި ބަޔަކު، ރާކީއޭ ކިޔާފައި ގޮވަން ފެށުމުން ހުދު އަބާޔާއެއްގައި ހުރި ރާކީ ބުނީ އޭނަ އަކީ ފާތިމާ ކަމަށާއި އެ ނަމުން އެ ގޮވަން އެދޭ ކަމަށެވެ. މި މަންޒަރު ފެންނަ ވީޑިއޯގައި ރާކީ އަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާތަން ފެންނަ އިރު، ފާތިމާއޭ ކިޔާފައި ގޮވާ އަޑު ވެސް އިވެ އެވެ.

ރާކީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ދިޔައީ އޭނަގެ ބޭބެއާ އެކީގަ އެވެ. އަދި މި ދަތުރުގެ ވަރަސް ގިނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް އޭނަގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ރާކީ ފުރައިގެން ދިޔަ އިރު، އޭނަ މިދިޔަ އަހަރު ކައިވެނިކުރި އާދިލް ދުއްރާނިއާ ދެމެދު ބޮޑެތި ހައިޖާނުތަކެއް އުފެދި، ރާކީއާ ގުޅޭ މައްސަލަތަކެއް އާދިލް ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ. އޭނަގެ އިތުރުން ރާކީގެ ގާތް އެކުވެރިޔާ ރާޖްޝްރީ ވެސް ރާކީއާ ގުޅޭ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.

"ބިގް ބޮސް" ގައި ވެސް ވާދަކޮށްފައިވާ އަދި "ޑްރާމާ ކްއީން" ގެ ނަމުން އާންމުންގެ ތެރޭގައި މަޝްހޫރު ރާކީ، 44، ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.