Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ތިނަދޫ ސިޓީއަކަށްވުމުން އައްޑޫން މަރުހަބާ ކިޔައިފި

ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިނުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން މަރުހަބާ ކިޔައިފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޓީއެއްގެ ދަރަޖަ ލިބުމަކީ ތިނަދޫގެ ތަރައްގީ އަށް އިތުރު ހަލުވިކަމެއް ލިބި، ރައްޔިތުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބުމަށް އެޅިގެންދިޔަ މުހިއްމު ބިންގަލެއް ކަމަށް ދެކޭ ކަމަށެވެ.

"އަދި މި މުނާސަބަތުގައި ތިނަދޫ ސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

ހުވަދު އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ފާހަގަކޮށްލެވޭ ތިނަދު އަކީ ރާއްޖޭގެ ފަސް ވަނަ ސިޓީ އެވެ.

އެ ރަށަށް ސިޓީްއެއްގެ ދަރަޖަ ދިނީ ރައީސް އިއްޔެ ސޮއިކުރެއްވި ގަރާރަކުންނެވެ. އޭގައި ބުނެފައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާ ކަމަށެވެ.

މިހާރު ރާއްޖޭގެ ސިޓީތަކަކީ ވެރިރަށް މާލެ އާއި އައްޑު އާއި ފުވައްމުލަޖުގެ އިތުރުން ކުޅުދުއްފުއްޓެވެ. އައްޑު އަތޮޅު ތެރެއިން ސިޓީްއެއްގެ ދަރަޖަ އެންމެ ފުރަތަމަ ލިބުނު ތަނެވެ.

ސިޓީއެއްގެ ދަރަޖަ ދެވޭނީ 10،000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ނަމަ ކަމަށް ގާނޫނުގައިވެ އެވެ.