އައްޑޫސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލުގެ މައްސަލައަކާ ގުޅޭ ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނަކީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި، އެ ގޯތިތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ތިން ފުޅިއާއި، 7 ހަން އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ 20 އަަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެކެވެ. ފުލުހުން ބުނެފައިވަނި މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.