Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރާއްޖޭގައި ބައިނަލްއަގުވާމީ އާ އެއާލައިނެއް އުފައްދަނީ

މޯލްޑިވިއަން އާއި އެމްއެފްއެމްސީ ދެމެދު ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިން / ފޮޓޯ: އެމްއެފްއެމްސީ

ބައިނަލްއަޤްވާމީ ދަތުރުތަކަށް ހާއްސަ އެއާލައިނެއް އުފެއްދުމަށް ޤައުމީ އެއާލައިން މޯލްޑިވިއަންއާއި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމީއްޔާތުގައި މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދު އެވެ. އެމްއެފްއެމްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މަނިކު އެވެ. މޯލްޑިވިއަން އާއި އާއި އެމްއެފްއެމްސީ ދެމެދު މިއަދު އިކޮނޮމިކް މިނިސްޓްރީގައި ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން ބައިނަލްއަޤްވާމީ ދަތުރުތަކަށް އެއާލައިނެއް އުފެއްދުމަށް މަސައްކަތް ފަށާނެއެވެ.


މި އެއްބަސްވުމުގެ ދަށުން އުފައްދާ އެއާލައިނަކީ ދިވެހި ރާއްޖޭގެ މެހެމާންދާރީއާއި ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ތަރައްޤީ ކުރެވޭ އެއާލައިނެކެވެ. އަދި މި ފަހުމުނާމާ ނުވަތަ އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ދުނިޔޭގެ ފެންވަރުގެ އެއާލައިނެއް ޤާއިމް ކުރެވިގެންދާނެ ކަމަށް އެމްއެފްއެމްސީން ބުނެއެވެ.

މިގޮތުން ދަތުރުފަތުރުގެ ސިނާޢަތުގައި މި ދެކުންފުނީގެ ތަޖުރިބާ އެއްކޮށްލައި، ލޯންގް ހޯލް ނުވަތަ ދުރުރާސްތާ މަންޒިލްތައް ރާއްޖެއާއި ގުޅުވާލުމުގެ މަސައްކަތް ކުރެވޭނެއެވެ. މިގޮތުން ރާއްޖެއަށް މުހިންމު ފަތުރުވެރިކަމުގެ މާކެޓުތައް ކަމަށްވާ، ޗައިނާ ޔޫރަޕް އަދި ރަޝީއާ މާކެޓަށް އުދުހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ނޫންވެސް އިތުރު މަންޒިލްތަކަށް ދަތުރު ކުރުމަށް ޤަސްތުކުރާ ކަމަށް އެމްއެފްއެމްސީން ބުނެއެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް މަގުފަހިކޮށް ރާއްޖެ ޕްރިމިއަރ ޑެސްޓިނޭޝަނެއްގެ ގޮތުގައި އިސްތިހާރު ކުރެވޭނެ ކަމަށް ދެކުންފުނިން ވެސް ޤަބޫލު ކުރެއެވެ.

މި އެއްބަސްވުމާއެކު ދިވެހި ރާއްޖެ ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކުރިއަރައި އިޤްތިޞާދީ ކުރިއެރުންވެސް ގެނެސްދޭނެ ކަމަށް އެ ދެކުންފުނިން ވަނީ ބުނެފައެވެ.