ހިޔާ މަޝްރޫޢުގެ ތެރެއިން އެމްޕީއެލްއިން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީ ކޮށްފައިވާ ފްލެޓް "ޕޯޓް ރެސިޑެންސް" ގެ މަހު ކުލި ކުޑަ ކުރުމަށް އެކުންފުނީގެ ބޯޑުން ނިންމައިފިއެވެ.
އެގޮތުން އެކުންފުނީގެ ބޯޑުން ނިންމާފައިވަނީ، މުވައްޒަފުންނަށް ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި އިތުރު ލުއިތަކެއް ދިނުމަށެވެ. މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް ގެނައި ބަދަލުން، ޑައުން ޕޭމެންޓަށް ފަހު ދައްކާ މަހު ކުލި، ފައިސާ 25 އަހަރަށް ބަހާލައިގެން ދެއްކޭނެ ގޮތް ވަނީ ހަދާފައެވެ. މީގެ ކުރިން މި ފައިސާ ދައްކަން ޖެހެނީ 20 އަހަރަށް ބަހާލައިގެންނެވެ. މިގޮތަށް ފައިސާ ދައްކަން ބޭނުންވާ މުވައްޒަފުންނަށް ފައިސާ ދެއްކުމުގެ "އޮޕްޝަން 1" ޙިޔާރު ކުރެވޭނެއެވެ.
މި އޮޕްޝަނުގައި އެ ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމެންޓަކަށް (ޓައިޕް އޭ) ގައި ފުރަތަމަ ފަސް އަހަރު 3741.38ރ. އެވެ. ބާކީ 20 އަހަރު ދައްކަން ޖެހޭނީ، 4061.54ރ. އެވެ. އެއް ކޮޓަރީގެ ސްޓޫޑިއޯ އެޕާޓްމެންޓް (ޓައިޕް ބީ) ގައި ފުރަތަމަ ފަސް އަހަރު ދައްކަން ޖެހެނީ، 3872.94ރ. އެވެ. އަދި ބާކީ 20 އަހަރު ދައްކަން ޖެހޭނީ 4204.37ރ. އެވެ.

ކުރިން އޮތް ގޮތުން 20 އަހަރަށް އަހަރަށް ބަހާލައިގެން ޓައިޕް އޭ ސްޓޫޑިއޯ އެޕާޓްމެންޓަކަށް، 4585.16ރ. ކޮންމެ މަހަކު ދައްކަން ޖެހެއެވެ. އަދި ޓައިޕް ބީގެ ސްޓޫޑިއޯ އެޕާޓްމެންޓަކަށް 4746ރ. މަހަކު ދައްކަން ޖެހެއެވެ.
މި އޮޕްޝަންގެ ދަށުން 2 ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ އެޕާޓްމެންޓުތަކުގެ ޓައިޕް އޭ އަށް ދައްކަން ޖެހެނީ ފުރަތަމަ 5 އަހަރު 7015.8ރ. އެވެ. އަދި ބާކީ 20 އަހަރު ދައްކަން ޖޭހޭނީ، 8073.56ރ. އެވެ. މި ބާވަތުގެ ޓައިޕް ބީ އެޕާޓްމެންޓުތަކަށް ފުރަތަމަ ފަސް އަހަރު ދައްކަން ޖެހޭނީ 7182.6ރ. އެވެ. އަދި ބާކީ 20 އަހަރު 8260.45ރ. މަހު ކުލިއަށް ދައްކާލެވޭނެއެވެ.
އެމްޕީއެލްއިން ބުނީ މި ނޫން އޮޕްޝަންތަކަށް ޑައުން ޕޭމެންޓް ދައްކާފައިވާ ފަރާތްތަކުން، ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، މި އުސޫލުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރެވޭނެއެވެ. އެގޮތުން އެ ފަރާތްތަކަށް އޮޕްޝަން 1 އަށް ބަދަލުވާން ބޭނުން ނަމަ 2 އަހަރުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލް ޓަވަރުތަކުގައި މިހާރު ކުރިއަށްދަނީ ކަރަންޓާއި ފެނުގެ މަސައްކަތް ކަމަށާއި، މިމަސައްކަތް ނިމި ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި މުވައްޒަފުން ދިރިއުޅެން ފަށާނެ ކަމަށް، އެމްޕީއެލް އިން ލަފާ ކުރެއެވެ. އަދި މިދިޔަ އޯގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ތަޅުދަނޑި ހަވާލުކުރަން ފަށާފައިވާއިރު، މިހާ އަވަހަށް ތަޅުދަނޑި ހަވާލުކުރީ މުވައްޒަފުން ބޭނުންވާ މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށެވެ.
އެކުންފުނިން ވަނީ މިއަހަރުގެ ނިޔަލަށް ކުލި ނުނެގުމަށްވެސް ނިންމާފައެވެ. އެ ކުންފުނިން އަންނަނީ 15 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރަމުންނެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނޭއިރު އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.