Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެމްޓީސީސީގެ ދަތުރުތައް މަތީ ތައުލީމު ދަރިވަރުންނަށް ހިލޭ

އެމްޓީސީސީ ބަސްތަކެއް / ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ދަތުރުފަތުގެ ޚިދުމަތް މަތީ ތަޢުލީމު ހާސިލް ކުރާ ދަރިވަރުންނަށް ބޭނުން ކުރޭވޭގޮތް ހަދައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްޓީސީސީއިން ނެރުނު ބަޔާނުގައި ބުނީ، މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ދެމުންދާ ފެރީ އަދި ބަހުގެ ޚިދުމަތް ގްރޭޑް 12 އިން މަތީގައި ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި މިގޮތުން ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓު ކާޑު ބޭނުންކޮށްގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިގޮތަށް ދަތުރުކުރެވޭ ގޮތް ހަދާފައިވަނީ މާދަމާއިން ފެށިގެންނެވެ.

މީގެ ކުރިން ސްކޫލު ކުދިންނަށް ސްކޫލު ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމުގައި، ބަހުގެ ޚިދުމަތް ހިލޭ ބޭނުން ކުރެވެއެވެ. އަދި މީގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި އުމުރުން 3 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވެއެވެ. އެމްޓީސީސީން ދޭ ދަތުރު ފަތުރުގެ ޚިދުމަތް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ޚިދުމަތް ދެނީ ހިލޭއެެވެ. އެގޮތުން އެންސްޕާ ކާޑު ބޭނުންކޮށްގެން އެ ފަރާތްތަކަށް ދަތުރު ކުރެވޭނެއެވެ.

އެމްޓީސީސީގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ދެމުންދާއިރު، ދާދި ފަހުން މާލެ ސަރަހައްދުގައި ދޭ ބަހުގެ ޚިދުމަތް ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައެވެ. އެންމެ ފަހުން އާރްޓީއެލް ޙިދުމަތް ފަށާފައިވަނީ ހުވަދު އަތޮޅުގައެވެ.