އީކޯ ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫގައި ކުރިއަށް ގެންދާ އީދިގަލި ކިޅި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަ ފިޔަވަހީގެ މަސައްކަތް މި މަސް ތެރޭގައި ނިންމާލެވޭ ވަރު ވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ސަދަން މޯލްޑިވްސް އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރޭގައި އީދިގަލި ކިޅި ސަރަހައްދު އެއްކޮށް ސާފުކޮށް، ވަށައި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި މަޝްރޫއާ ބެހޭ ގޮތުން ކައުންސިލާއި އީޕީއޭގެ ބޭފުޅުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އީޕީއޭއިން ބުނެފައިވަނީ ފެބްރުއަރީ މަސްތެރޭގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެމަސައްކަތް ނިންމާލެވޭ ވަރު ވާނެ ކަމަށާއި މިހާރުވެސް ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.
ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި 7.2 މިލިއަން ރުފިޔާ އަށް ސަދަން މޯލްޑިވްސްއާ ހަވާލުކޮށްފައިވާ މިމަސައްކަތް ނުނިމި ލަސްވެފައިވަނީ އެ މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބިފައި ނުވާތީ އެވެ.