މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
ޔުނައިޓެޑާއި ބަޔާން ލައްވާލާފައިވަނީ ގްރޫޕް އޭ ގައި ކަމަށްވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ އެފްސީ ކޮޕެންހޭގަން އާއި ގަލަސަތަރާއީ އެވެ.
ޔުނައިޓެޑާއި ބަޔާން އެއް ގްރޫޕަކަށް ލައްވާލިއިރު މީގެކުރިން މި ދެ ޓީމު ވަނީ 11 ފަހަރެއްގެ މަތިން މި މުބާރާތުގައި ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ހަތަރު މެޗުން ބަޔާން މޮޅުވިއިރު ޔުނައިޓެޑަށް ހޯދުނީ ދެ މޮޅެވެ. އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޗެމްޕިއަންސް ލީގުގެ އެހެން ގްރޫޕްތަކަށް ބަލާއިރު އެންމެފަހުގެ ޗެމްޕިއަނުން މެންޗެސްޓާ ސިޓީ ލައްވާލާފައިވަނީ ގްރޫޕް ޖީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ރެޑްބުލް ލިޕްޒިގް، ރެޑްސްޓާ ބެލްގްރޭޑް އަދި ޔަންގް ބޯއީސް އެވެ.
އެންމެފަހުގެ ރަނަރަޕް އިންޓަ މިލާން ލައްވާލާފައިވަނީ ބެންފީކާ، ސަލްޒްބާގް އަދި ރެއާލް ސޮސިއެޑާޑްއާއެކު ގްރޫޕް ޑީ ގަ އެވެ. ގިނަ އަހަރުތަކަކަށްފަހު ޗެމްޕިއަންސް ލީގުން ޖާގަ ހޯދި އާސެނަލް ލައްވާލީ ގްރޫޕް ބީ ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސެވިއްޔާ އާއި ޕީއެސްވީ އަދި ލެންސް އެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ލައްވާލީ ނަޕޯލީ އާއި ބްރާގާ އަދި ޔޫނިއަން ބާލިންއާއެކު ގްރޫޕް ސީ ގަ އެވެ. ޗެމްޕިއަންސް ލީގަށް އަލަށް ކޮލިފައިވި ނިއުކާސަލް ލައްވާލީ މަރުގެ ގްރޫޕެއްގަ އެވެ. ނިއުކާސަލްއާއެކު ގްރޫޕް އެފްގައި ހިމެނެނީ ޕީއެސްޖީ އާއި ބްރޫޝިއާ ޑޯޓްމަންޑްގެ އިތުރުން އޭސީ މިލާނެވެ.
މީގެއިތުރުން އެންމެފަހުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަނުން ކަމަށްވާ ބާސެލޯނާ ލައްވާލީ ގްރޫޕް އެޗް ގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޓޯ އާއި ޝަހްތަރު ޑޮނެޓްސްކް އަދި ރޯޔަލް އަންޓްވާޕް އެވެ. އެތްލެޓިކޯ މެޑްރިޑް ލައްވާލީ ފޭނޫޑް އާއި ލާޒިއޯ އަދި ސެލްޓިކާއެކު ގްރޫޕް އީގަ އެވެ.
ގްރޫޕް ސްޓޭޖު މެޗުތައް މި މަހުގެ 19 އިން ޑިސެމްބަރު 13 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މުބާރާތުގެ ފައިނަލް ޖޫން އެކެއްގައި އޮންނާނީ ވެމްބްލީގަ އެވެ.