މިިދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް ލިބިއްޖެ އެވެ.
މި އެވޯޑް ނޯވޭ އަށް އުފަން ހާލަންޑް ހޯދީ އިންޓަ މަޔާމީގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އާއި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާއާ ވާދަކޮށެވެ.
މި އެވޯޑް ހާލަންޑް ކާމިޔާބު ކުރިއިރު ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ސިޓީ އަށް ތިން ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެއީ ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު އަދި އިނގިރޭސި އެފްއޭކަޕެވެ. ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ 52 ގޯލު ކާމިޔާބުކޮށް އެތައް ރެކޯޑެއް މުގުރާލައިފަ އެވެ.
މިދިޔަ ސީޒަނުގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމަޓީ އެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ކާމިޔާބުކުރިއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އިންގްލެންޑްގެ އަންހެން ޓީމުގެ ކޯޗު ސެރީނާ ވީގްމަން އެވެ.
މީގެއިތުރުން ޔުއެފާ ރައީސް އެލެގްޒެންޑާ ސެފެރިންގެ އެވޯޑް ލިބުނީ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރްސްލޯވް ކްލޯސާ އަށެވެ.