ޤާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އެކުގައި މަސައްކަތް ކުރަންފެށުމުން ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤާއްޔޫމް އަށް "ހިނި އަންނަނީ" އެއީ ރައްޔިތުންނަށް މަލާމާތް ކުރަން ބޭނުންވާތީ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޤާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އާއި ޖޭޕީ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޤައުމުގެ މެޖޯރިޓީ ރައްޔިތުން ތިބީ ގާނޫނު އަސާސީގެ ދިފާއުގައި ނިކުމެކަމަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެއްލެވުމެއްނެތި ސަރުކާރު ހިންގަވާ ޕާޓީގެ ރައީސަކަށް "ހިނި އަންނަ ފަދަ" އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް މިވަގުތަކު ނެތް އެމަނިކުފާނު ބުއްދި ސަލާމަތުން ހުއްޓެކޭ ދެންނެވޭކަށް. ރައްޔިތުން ނުކުމެ ހިތާމަ ފާޅުކޮށް ރައްޔިތުން ނުކުމެ ރައްޔިތުންގެ ޝުޢޫރު ފާޅުކުރަން ނުކުތީމާ އެމަނިކުފާނު އެވަރަށް ހިނި އަންނަނީ" ރޮޒައިނާ ވިދާޅުވިއެވެ.
މިއަދު މިފެންނަނީ ޤާނޫނު އަސާސީގެ ދިފާއުގައި ބަސްބުނާ ކޮންމެ މީހަކަށް، އެކިއެކި ގޮތް ގޮތުން ދަތި ކުރަމުން ދާތަން ކަމަށާއި ޤާނޫނު އަސާސީއާއި ޚިލާފަށް މި ސަރުކާރުން ކޮށްފައި ހުރި ކަންކަމުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް މަޤާމުން ވަކި ކުރުމާއި، ފަނޑިޔާރުން ވަކިކުރުންފަދަ ކަންކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ޤާނޫނު އަސަސީއާއި ޚިލާފަށް ކުރަމުންދާ ހުރިހާ ކަމެއް ބަލައިގަނެގެން ނުތިބޭނެ ކަމަށާއި، މިއަދު މި ނިކުމެ ތިބިވަރަށް ވުރެ 3 ބައި އިތުރަށް މާދަމާ އަދި 4 ބައި އިތުރަށް އަނެއް ދުވަހު ނިކުންނާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.