Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އިބްރާހީމާއި ހުޝީ ފިލްމަކަށް

ބޮލީވުޑަށް ތައާރަފުވުމުގެ މަގުމަތީގައި އުޅޭ އިބްރާހީމް އަލީ ޚާނާއި ހުޝީ ކަޕޫރް އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިބްރާހީމަކީ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިއެކެވެ. އަދި މިހާރުގެ ޒުވާން ބަތަލާ ސާރާ އަލީ ޚާންގެ ކޮއްކޮ އެވެ. ހުޝީ އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު އަދި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ކޮއްކޮ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ހުޝީ އާއި އިބްރާހީމް އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބެލެވޭ ކަމަށެވެ. މި ވާހަކަ އިއްޔެ ދެކެވެން ފެށީ އެ ދެ މީހުން އިއްޔެ، ކާސްޓިން ޑިރެކްޓަރު މުކޭޝް ޗަބްރާގެ އޮފީހަށް ގޮސް އުޅެނިކޮށް ފެނިގެންނެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

މުކޭޝް އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ކާސްޓިން ޑިރެކްޓަރެވެ. އެހެންވެ އިބްރާހީމާއި ހުޝީ އޭނަގެ އޮފީހަށް ގޮސް އުޅެނިކޮށް ފެނުމަކީ މި ދެ ޒުވާނުން އެކީގައި ފިލްމަކަށް ތައްޔާރުވާކަމުގެ ވަރަށް ބޮޑު އިޝާރާތެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ހުޝީ ފިލްމީ ދުނިޔެ އަށް ތައާރަފު ވާނީ މި އަހަރުގެ ޑިސެމްބަރު 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާ "ދި އާޗީސް" އިންނެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ތައާރަފުވާނެ އެވެ.

އިބްރާހީމް މިހާރު އަންނަނީ "ސަރުޒަމީން" ކިޔާ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ. ވަތަނީ ފިލްމެއްގެ ގޮތުގައި ހަދާ "ސަރުޒަމީން" ގެ ކާސްޓްގައި މަޝްހޫރު ބަތަލާ ކާޖޮލް ވެސް ހިމެނެ އެވެ.