Last Updated: June 8, 12:02
Monday, June 8, 2026
ރިޕޯޓް

2014 ގެ ކައުންސިލްގެ ކާމިޔާބަކީ "ހަނދާނީ ފިލާ"

އައްޑޫ ސިޓީ ކައުންސިލް އިދާރާ/ފޮޓޯ އައްޑޫލައިވް

ފާއިތުވި 2014 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލްގެ ފާހަގަ ކުރެވުނު ކާމިޔާބީތަކަކީ ހަނދާނީ ފިލަ ތަކެއް ލިބުންކަން ކައުންސިލްގެ އަހަރީ ރިޕޯޓުން ހާމަވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ފާހަގަ ކުރެވޭ ކާމިޔާބީތަކުގެ ގޮތުގައި ހިމަނާފައި ވަނީ ދިވެހި ބަހުގެ އެކަޑަމީ، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އިސްލާމިކް ބޭންކްގެ ފަރާތުން ކައުންސިލަށް އަރުވާފައިވާ ހަނދާނީ ފިލާތަކުގެ ވާހަކައެވެ.

މީގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކައުންސިލަށް ދީފައިވާ ހަނދާނީ ލިޔުމެއްގެ ވާހަކަ އެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ފަރާތުން ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައި ވަނީ 2013 ވަނަ އަހަރު އެކި ރޮނގު ރޮނގުން ކައުންސިލްގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މާދަރީބަހުގެ ދުވަސް ރަސްމީކޮށް އައްޑޫގައި ފާހަގަ ކުރުމުގައި ފޯރުކޮށް ދެއްވި އެހީތެރިކަން ފާހަގަކޮށް ދިވެހި ބަހުގެ އެކަޑަމީ އިން ހަނދާނީ ފިލާ އެއް ދިން އިރު އިސްލާމިކް ބޭންކުގެ ފަރާތުން ހަނދާނީ ފިލަ އެއް ކައުންސިލަށް ދީފައި ވަނީ އިސްލާމިކް ބޭންކްގެ ބްރާންޗެއް އައްޑޫގައި ހުޅުވުމަށް ވެދެއްވި އެހީތެރިކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން ކައުންސިލަށް ހަނދާނީ ލިއުމެއް ދީފައިވަނީ ޒޯން 8 ގެ ފުޓުބޯޅަ މުބާރާތް ބޭއްވުމުގައި ކައުންސިލްގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ފައިދާ ހުރި ކަންތައް ކޮށް ނުދޭ ވާހަކަ އައްޑޫ ސިޓީގެ ރައްޔިތުން ދައްކަމުން ދާ ދަނޑިވަޅެއްގައި އެ ރައްޔިތުންނަށް މި ލިބުނީ ހައިރާން ކުރުވަނިވި ޙަބަރެއް ނޫން ތޯ އެވެ ؟

ކައުންސިލުން ހޯދި "ފާހަގަ ކުރެވޭ ކާމިޔާބީ" އާއި މެދު ކައުންސިލް ފަޙުރުވެރި ވިޔަސް ރައްޔިތުން ފަޙުރުވެރި ނުވާނެކަން ކަށަވަރެވެ.