މިދިޔަ މެއި މަހު އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި މައްސަލާގައި ދައުވާ ލިބޭ ހުސައިން މަވާޒް އެ ދައުވާ އަށް ކޯޓްގައި ވެސް އެއްބަސްވެއްޖެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނަގެ ބޭބެ، އަހުމަދު ޝުއައިބްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ތޫނު އެއްޗަކުން މަވާޒް ބޭބެ އަށް ހަމަލާ ދިނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގަ އެވެ. އެ ހަމަލާގައި ޝުއައިބް، 27، މަރުވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ގައި ފަރުވާ ދެނިކޮށް ޖެހިގެން އައި ދުވަހު ހެނދުނު އެވެ.
މި މައްސަލާގައި މަވާޒު، 25، ގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރުމުގެ ދައުވާ އެވެ.
ތަހުގީގު މަރުހަލާގައި ވެސް ބޭބެ މަރާލި ކަމަށް މަވާޒު އިއުތިރާފުވެފައިވެ އެވެ. އަދި އިއްޔެ ފެށި ޝަރީޢަތުގައި ކޯޓުގައި ވެސް ކުށަށް އިޢުތިރާފުވެ ހާދިސާ ހިނގައި ދިޔަ ގޮތް ތަފްސީލުކޮށް އޭނަ ކިޔައި ދީފައިވެ އެވެ. މަވާޒް ބުނީ އެ ހާދިސާ ހިނގި ރޭ ބޭބެއާ ރެސްޓޯރަންޓަކުން ދިމާވި ކަމަށާއި، އެތަނުން އޭނަގެ ފޯނު ނަގައިގެން ބޭބެ ދިޔައީ ކަމަށެވެ. އަދި ގެއަށް ދިޔައީ މަސްތުވާއެއްޗެއް ބަލައި ކަމަށާއި، ގެއަށް ދިއުމުން ބޭބެއާ ސުވާލު ކުރި ކަމަށެވެ. އަދި ސުވާލު ކުރުމުން ފޯނު ސިމާއެކު ވިއްކާލި ކަމަށް ބުނި ކަމަށާއި، އެ ހިސާބުން ދެބެއިންގެ މެދުގައި ހަމަނުޖެހުން އުފެދި މާރާމާރީ ހިނގަން މެދުވެރިވީ ކަމަށް ބުންޏެވެ.
މަވާޒު ބުނީ ބޭބެ އަށް ހަމަލާ ދިނީ މަސްތުގެ ހާލަތުގައި ކަމަށާއި، ހަމަލާ ދިނީ ތިން އިންޗީގެ ކަތުރަކުން ކަމަށެވެ. އަދި އެއިން ހަމަލާ ދިނީ ބޭބެގެ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށް ކަމަށް ބުންޏެވެ.
ޝަރީއަތުގައި ކުށަށް އިއުތިރާފުވެ މަވާޒް ވަނީ ވީހާ ވެސް ލުއި އަދަބެއް ދިނުމށް ކޯޓްގައި އެދިފަ އެވެ. އަދި މި މައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ތަހުގީގުގައި ދީފައިވާ އިއުތިރާފު ބަޔާނާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މަވާޒް ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. ދައުލަތުން މަވާޒާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އެ އެއްބަސްވުން ދަމަހައްޓަން އޭނާ ބޭނުންވޭތޯ ބެލުމަށް ފަހު އަދަބު ކަނޑައަޅާނެ އެވެ.
އިއުތިރާފު އެއްބަސްވުމަށް ރިއާޔަތްކުރާ އިރު، މަވާޒްގެ މައްޗށް 12 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ އެވެ.
އޭނާގެ މައްޗަށް އަދަބު ކަނޑައަޅުމުގެ ޝަރީއަތް އޮންނާނީ މި މަހުގެ 10 ގަ އެވެ.