Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ރިތިކްގެ "ވޯ 2" 2025 ގައި

ރިތިކް ރޯޝަންގެ "ވޯ 2" ބެލުންތެރިންނަށް ގެނެސްދޭނީ 2025 ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖްސް ފިލްމްސް (ވައިއާރްއެފް) އިން ހަދާ މި ފިލްމު ރިލީޒްކުރަން ޕްލޭންކޮށްފައި ވަނީ 2025 ގެ ޖެނުއަރީ މަހުގެ ފަހުކޮޅަށެވެ. "ވޯ 2" އަކީ އެ ސްޓޫޑިއޯ އިން ރިތިކާއި ޓައިގާ ޝްރޮފާއި ވާކނީ ކަޕޫރާ އެކީ ގެނެސްދިން 2019 ގެ "ވޯ" ގެ ސީކްއެލް އެވެ.

ނަމަވެސް އާ ފިލްމުގެ ޓީމު މި ފަހަރު ވަނީ ބަދަލުވެފަ އެވެ. ރިތިކާ އެކީ "ވޯ 2" ގައި އެންމެ ވަރުގަދަ ރޯލެއް ކުޅޭނީ މިދިޔަ އަހަރުގެ ފިލްމު "އާރްއާރްއާރް" ގެ ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އެވެ. އަދި އާ ފިލްމުގެ ޑައިރެކްޓަކީ މިދިޔަ އަހަރު "ބްރައްމަސްތުރާ" ގެނެސްދިން އަޔާން މުކަރްޖީ އެވެ.

"ވޯ" ޑައިރެކްޓްކުރީ މި އަހަރުގެ ޖެނުއަރީގައި ޝާހްރުކް ޚާންގެ "ޕަތާން" ގެނެސްދިން ސިދާތު އާނަންދެވެ. އޭނަ މިހާރު އަންނަނީ ރިތިކާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރާ އެކީ "ފައިޓާ" ކިޔާ އޭރިއަލް އެކްޝަން ތުރިލާއެއް ހަދަމުންނެވެ. މި ފިލްމު އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރާނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ވޯ" ފްރެންޗައިޒާއި "ޕަތާން" ފަދަ ފިލްމުތަކަކީ މިހާރު ވައިއާރްއެފްގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތައްކަމެވެ. މީގެ ތެރެއިން ދެން އެންމެ އަވަހަށް އަންނަން އޮތީ ސަލްމާން ޚާންގެ "ޓައިގާ 3" އެވެ. އެ ފިލްމު މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ވޯ 2" ގައި ރިތިކާއި އެންޓީއާރްއާ އެކީ ބަތަލާގެ ރޯލު ކުޅޭނީ ކިއާރާ އަދުވާނީ އެވެ.