Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ރާނީ "މަރުދާނީ 3" ގެ ސްކްރިޕްޓަށް ބަލަބަލާ

ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ފުލުހެއްގެ ރޯލު ކުޅޭ "މަރުދާނީ" ފްރެންޗައިޒްގެ ތިން ވަނަ ބައި ވެސް ހަދާނެ ކަމަށާއި މިހާރު އިންތިޒާރުގައި ހުރީގެ އޭގެ ސްކްރިޕްޓް ލިބޭނެ އިރަކަށް ކަމަށް ހުނަރުވެރު ބަތަލާ ބުނެފި އެވެ.

މިއީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްޗެކެވެ. އެތަނުން "މަރުދާނީ" 2014 ގައި ގެނެސްދިނުމަށް ފަހު "މަރުދާނީ 2" ރިލީޒްކުރީ 2019 ގަ އެވެ. ފުރަތަމަ ބައިގެ ޑައިރެކްޓަރަކީ މި އަހަރުގެ މާޗްގައި މަރުވި ޕްރަދީޕް ސަރުކާރެވެ. "މަރުދާނީ 2" ލިޔެ، ޑައިރެކްޓްކުރީ ގޯތީ ޕުތުރާނެވެ.

މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު އަދި ރާނީގެ ރޯލަށް ތައުރީފު އޮހުނު ދެ ފިލްމެވެ. "މަރުދާނީ" ފްރެންޗައިޒްގައި އޭނަ ކުޅެނީ ކުށްވެރިން ހަމަބިމަށް ތިރިކުރަން މަސައްކަތްކުރާ ޝިވާނީ ޝިވާޖީ ރޯއި ކިޔާ ހިތްވަރު ގަދަ، ވަރަށް ޖެހިލުން ކުޑަ ފުލުހެއްގެ ރޯލެވެ.

މީގެ ތިން ވަނަ ބަޔާ ބެހޭ ގޮތުން ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުނީ "މަރުދާނީ 3" މިހާރު އޮތީ ސްޓޯރީބޯޑް ރޭވުމުގެ މަރުހަލާގައި ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ފަށާނީ ހިތްހަމަޖެހޭ ފެންވަރަށް ސްކްރިޕްޓް ނިމުމުން ކަމަށް ބުންޏެވެ.

"އޭގެ އިންތިޒާރުގައި އަހަރެން މި ހުރީ. މަރުދާނީގެ ޝިވާނީ އަކީ ކުޅެން އަހަރެން ވަރަށް ގާޔާވާ ރޯލެއް. އެންމެ ބޮޑު ސަބަބަކީ މިއީ އަންހެނެއްގެ ބާރުވެރިކަން ދައްކުވައިދޭ ކެރެކްޓާއަކަށްވުން." ރާނީ ބުންޏެވެ.

އޭނަ ބުނި ގޮތުގައި "މަރުދާނީ" އަކީ ބެލުންތެރިން ބަލައިގެންފައިވާ އެއްޗަކަށްވާތީ ތިން ވަނަ ވައި ވެސް ހަދާނީ ވަރަށް ޝައުގުވެރި ސްޓޯރީލައިނަކާ އެކީގައި ކަމަށެވެ.

"ހަމަ ފިލްމެއް ހެދުމުގެ ބޭނުމުގައި މަރުދާނީ ހަދާކަށް ބޭނުމެއް ނޫން. ވަރަށް އޮއްޓަރު ހުރި އެއްޗަކަށް އޭތި ވާން ޖެހޭނެ." ރާނީ ބުންޏެވެ.

ދެހާހުގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ރާނީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒްކުރި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ.