އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯ އިން އިފްތިތާހުކޮށްފި އެވެ.
މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި މަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިނެވެ.
މިއީ މަންދޫ ކައުންސިލާއި 17 އޮގަސްޓް 2016 ގައި އައިކެއާ ޕްރައިވެޓް ލިމިޓެޑާ އެކު ވެވުނު ސީއެސްއާރު އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ ސްޓެލްކޯއާ ހަމައަށް މި ޕްރޮޖެކްޓް އައި އިރު ރިކުއާމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި، 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރި ކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާ މިންވަރު ނުވަތަ ރިކުއާމަންޓަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް މިވަގުތު ގާއިމްކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ކަމަށްވީ ނަމަވެސް މި ހިދުމަތް ހުއްޓުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރާއި ކައުންސިލުން މި ހިދުމަތް ދިނުން ސްޓެލްކޯއާއި ހަވާލުކޮށްފައިވާތީ، ރައްޔިތުންނަށް ބޭނުންވާ މި ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއްނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ. މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން 1 ޓަނުފެން ހިލޭ މިއަދުން ފެށިގެން ދޭނަން،" ޝަރީފް ވިދާޅުވި އެވެ.