މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޓޭބަލް ޓެނިސްގެ އަންހެން ސިންގަލްސްގެ ސެމީފައިނަލަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ދަތުރުކޮށްފި އެވެ.
ދީމާ ސެމީ އަށް ދަތުރުކުރީ މޮރިޝަސްގެ އިވާނާ ޑެސްކަން ބައްދަލުކޮށް ސީދާ ހަތަރު ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 7-11، 7-11، 2-11 އަދި 7-11 އިންނެވެ.
ރަފާ ސެމީއަށް ދަތުރުކުރީ ވެސް މޮރިޝަސްގެ ކުޅުންތެރިއެއްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މޮރިޝަސްގެ ހުސޭނައްލީ އޮމޭމާ މައްޗަށް ރަފާ ކުރި ހޯދީ 4-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 9-11 އަދި 12-14 އިން ގެންދިޔައީ ރަފާ އެވެ. ތިންވަނަ ސެޓު 8-11 އިން ހޮސެނަލީ ގެންދިޔައިރު ހަތަރުވަނަ ސެޓު 4-11 އިން ރަފާ ގެންދިޔަ ނަމަވެސް ފަސްވަނަ ސެޓު 9-11 އިން މޮރިޝަސް ކުޅުންތެރިއާ ވަނީ ގެންގޮސްފަ އެވެ. ސެމީގެ ޖާގަ ރަފާ ހޯދީ ހަވަނަ ސެޓު 4-11 އިން ކާމިޔާބުކޮށްގެންނެވެ.
ރަފާ އާއި ދީމާ ވަނީ މި މުބާރާތުގެ އަންހެން ޑަބަލްސްގެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މި އިވެންޓުން 2019 ގައި ރަން މެޑަލްވެސް ހޯދީ މި ދެ ކުޅުންތެރިންނެވެ.
މި މުބާރާތުގައި ރާއްޖެ އަށް އެންމެ ގިނަ މެޑަލް ހޯދައިދީފައިވަނީ ޓޭބަލް ޓެނިސް ޓީމުންނެވެ. އެއީ ތިން ރަން މެޑައްޔާއި ދެ ރިހި މެޑަލް އަދި އެއް ލޯ މެޑަލް އެވެ.