Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އަކްޝޭގެ އަންހެނުންނަށް މާސްޓާސް ޑިގްރީއެއް

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ސްކްރީން ރައިޓިން އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނަ ޑިގްރީ އަށް ކިޔަވަން ފެށީ އިނގިރޭސިވިލާތުގެ ލަންޑަންގެ ގޯލްޑްސުމިތުސް ޔުނިވަސިޓީންނެވެ. ކިޔެވުމުގެ އާ ދަތުރާ ބެހޭ ވާހަކަތައް ދޭތެރެ ދޭތެރެ އިން ޓްވިންކަލް އިންސްޓަގްރާމްގައި ވެސް ހިއްސާކުރެ އެވެ.

އޭނަ މިހާރު މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާތީ އަކްޝޭގެ އިންސްޓަގްރާމް ސްޓޯރީގެ ޕޯސްޓެއްގައި މަރުހަބާ ކިޔާފައިވެ އެވެ.

ޔުނިވަސިޓީގެ ބޭރުގައި ޓްވިންކަލް ނަގާފައިވާ ސެލްފީއަކާ އެކީ އަކްޝޭ ބުނީ އަންހެނުންނާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި އޭނަ އެނބުރި އިންޑިއާ އަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ހުރި ކަމަށް ބުންޏެވެ.

ސްކްރީން ރައިޓިން އިން ޓްވިންކަލް މާސްޓާސް ޑިގްރީ ހާސިލުކުރި އިރު، އޭނަ އަކީ މިހާރު ޕްރޮފެޝަނަލް ލިޔުންތެރިއެކެވެ. އެގޮތުން މިހާތަނަށް ތިން ފޮތެއް ނެރެފައިވާ އިރު، ޓައިމްސް އޮފް އިންޑިއާ އަށް ކޮލަމެއް ވެސް ލިޔަ އެވެ. ޓްވިންކަލް އެންމެ ފަހުން ނެރުނު ފޮތަކީ 2018 ގެ "ޕިޖާމާސް އާ ފޮގިވިން" އެވެ.

 

View this post on Instagram

 

A post shared by Twinkle Khanna (@twinklerkhanna)

އަކްޝޭގެ 2018 ގެ ފިލްމު "ޕެޑްމޭން" އަކީ ޓްވިންކަލްގެ 2016 ގެ ފޮތް "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ގައި ހިމެނޭ ކުރު ވާހަކައަކަށް ބިނާކޮށް ޑައިރެކްޓަރު އާރް ބަލްކީ ހެދި ފިލްމެކެވެ. އަދި އެ ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރެއިން "ސަލާމް ނޯނީ އައްޕާ" އަށް ބިނާކޮށް ފިލްމެއް ހަދަން މިދިޔަ އަހަރު އެޕްލޯސް އެންޓަޓައިންމަންޓުން އިއުލާންކޮށްފައިވެ އެވެ.

ފިލްމު ކުޅުން ހުއްޓާލައި އަކްޝޭއާ ޓްވިންކަލް ކައިވެނިކުރީ 2001 ގަ އެވެ. އެ ދެ މީހުންގެ ދެ ދަރިން ވެސް އެބަތިއްބެވެ. ޓްވިންކަލް އަކީ ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ޑިމްޕަލް ކަޕާޑިއާ އާއި ރާޖޭޝް ކަންނާގެ ދޮށީ ދަރިފުޅެވެ.