އދ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
މިމަސައްކަތް ކުރިއަށް ގެންދަވަމުން ދަނީ ސްޓެލްކޯއިންނެވެ. ދަނގެތީގެ ފެނުގެ ނިޒާމުގެ ވިއުގަ ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް ބުރާސްފަތި ދުވަހު ދަނގެތީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވާދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި، ދަނގެތީގެ ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއާއި ހަވާލުވުމަށްފަހު ދަނގެއްޗަށް ކުރި ފުރަތަމަ ދަތުރުގައި ދަނގެތީގެ ކައުންސިލްގެ ފަރާތުން ފެނުގެ ނިޒާމުގެ މައްސަލަ ހުށަހެޅިކަމަށާއި އަދި އޭރުވެސް ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅިކަމަށެވެ.
ޝަރީފް ވިދާޅުވީ، ދަނގެތީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް 2018 ވަނަ އަހަރު ހައުސިން މިނިސްޓްރީއާއި ހަވާލު ކުރި ކަމަށާއި، އަދި ސަރުކާރުން ސްޓެލްކޯއާއި އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.
އެހެން ނަމަވެސް، ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާއި ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި، އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތްދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން ކަމަށެވެ. ސްޓެލްކޯއާ ހަވާލުވިއިރު މި ނިޒާމާއި ހަވާލުވުމާއި ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ފުރިތަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ލިބިދެވޭނީ ކިހިނެތްތޯ ބެލުން ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މިނިސްޓްރީގައި ދަންނަވައިގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށެވެ. އެގޮތުން މިނެޓްވޯކް ގާއިމް ކުރާއިރު 365 ޓަނުގެ ދެ ޓޭންކާއި، 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި، 7000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅާނެކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ދަނގެތީގެ ފެނުގެ ވިއުގަ ބަދަލު ކުރުމަށް ދީފައި އޮތީ 6 މަސް ދުވަހުގެ މުއްދަތެއް ކަމަށާއި، އެހެން ނަމަވެސް 3 މަސް ދުވަހުގެތެރޭ އެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.