މި އަހަރުގެ ނޮވެމްބަރު ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމު "ޓައިގާ 3" ގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.
މިއީ ސަލްމާން ޚާނާއި ކެޓްރީނާ ކައިފް ކުޅެމުން އަންނަ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. އަދި މިއީ އެ ފިލްމު އުފައްދާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ އެއްޗެކެވެ. މީގެ ދަށުން އެންމެ ފަހުން ރިލީޒްކުރީ ޖެނުއަރީގައި ގެނެސްދިން ޝާހްރުކް ޚާންގެ "ޕަތާން" އެވެ.
އޭގައި ސަލްމާންގެ ހާއްސަ ފެނިލުމެއް ހިމެނުނު ގޮތަށް "ޓައިގާ 3" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ޝާހްރުކްގެ 2016 ގެ ފިލްމު "ފޭން" ގެނެސްދިން މަނީޝް ޝަރުމާ އެވެ. "ޓައިގާ" ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމަށް ބަލާ އިރު 2017 ގައި ގެނެސްދިން ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" ލިޔެ، ޑައިރެކްޓްކުރީ އަލީ އައްބާސް ޒަފަރެވެ. އަދި ފުރަތަމަ ބައި "އޭކް ތަ ޓައިގާ" 2012 ގައި ގެނެސްދިނީ ކަބީރް ޚާން ލިޔެ، ޑައިރެކްޓްކޮށެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.
"ޓައިގާ 3" އަކީ ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ފިލްމު ހާއްސަވާ މުހިއްމު އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ އެކްޓަރު ވިކީ ކޯޝަލްއާ 2021 ގައި ކެޓްރީނާ ކައިވެނި ކުރި ފަހުން، ކުރީގެ ލޯބިވެރިޔާ ސަލްމާނާ އެކީ އަލުން ސްކްރީނުން ފެނިގެން ދިއުމެވެ.
"ޓައިގާ 3" ހާއްސަވާ އަނެއް ސަބަބަކީ މީގެ ވިލަންގެ ރޯލު އިމްރާން ހާޝިމީ ކުޅެފައިވުމެވެ. އެގޮތުން މީގެ ކުރިން އޭނަ ފިލްމަކުން ފެނިފައި ނުވާ ފަދަ ވަރުގަދަ ހަށިގަނޑަކާއި ވަރުގަދަ ރޯލަކުން ފެންނާނެ އެވެ.
"ޓައިގާ 3" ސިނަމާތަކަށް ދޫކޮށްލަން އޮތީ ނޮވެމްބަރު މަހުގެ މެދުތެރޭގައި ފާހަގަކުރާ ދިވާލީ ބަންދާ ދިމާކޮށެވެ.