ސިންގަޕޫރަށް އާ ރައީސަކު އިންތިހާބުކޮށްފި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވީ އެ ގައިމުގެ ޑެޕިއުޓީ ބޮޑުވަޒީރުކަން ވެސް ކުރިން ކުރައްވާފައިވާ ތާމަން ޝަންމުގަތަރުނަމެވެ. އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ތާމަން އަކީ ކުރިން މިނިސްޓަރުގެ މަގާމާއި ސިންގަޕޫރްގެ މަރުކަޒީ ބޭންކް، މަނިޓަރީ އޮތޯރިޓީ އޮފް ސިންގަޕޫރްގެ ޗެއާމަންގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އިއްޔެ ބޭއްވި އިންތިހާބު ތާމަން ކާމިޔާބުކުރެއްވީ އިތުރު ދެ ކެންޑިޑޭޓަކާ ވާދަކުރައްވައި ވޯޓްލީ މީހުންގެ 70.4 ޕަސެންޓް މެޖޯރިޓީއާ އެކީގަ އެވެ. އޭނައާ ވާދަކުރެއްވި އަނެއް ދެ ކެންޑިޑޭޓުންނަށް ބަލާ އިރު، އެންޖީ ކޮކް ސޯންގް އަށް ލިބިވަޑައިގަތީ އެންމެ 15.72 ޕަސެންޓް ވޯޓެވެ. އަދި ޓަން ކިން ލިއަން އަށް ލިބިވަޑައިގެންނެވީ 13.88 ޕަސެންޓް ވޯޓެވެ.
އިންތިހާބު ކާމިޔާބުވުމާ ގުޅިގެން އިތުބާރުކޮޑށް، ވޯޓް ދިން އެންމެންނަށް ތާމަން ފޭސްބުކް ޕޯސްޓެއްގައި ޝުކުރު އަދާކުރައްވާފައިވެ އެވެ. އޭނަ ވިދާޅުވީ ދެން އޮތީ ގައުމާއިގެން ކުރިއަށް ވަޑައިގެން ގައުމު ކުރިއެރުންތަކުގެ އާ ހަރުފަތްތަކަކަށް ގެންދިއުން ކަމަށެވެ.
ތާމަން، 66، ރައީސްގެ މަގާމު ހުވާކުރައްވާނީ މި މަހުގެ 14 ގަ އެވެ.