Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ވިލިގިލީގެ އެޕްރެންޓިސްނަށް ސެޓްފިކެޓް ދީފި

ޝަންގްރިއްލާގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިއަކަށް މޭޔަރު ސެޓްފިކެޓް ހަވާލުކޮށް ދެއްވަނީ. ފޮޓޯ : ކިޔުންތެރިއެއް

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާއިން ހިންގި ދެވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި މީހުންނަށް ސެޓްފިކެޓް ދީފި އެވެ.

ބުރާސްފަތި ދުވަހު އެ ރިސޯޓްގައި ބޭއްވި ހަފުލާއެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

މުޅިއެކު 18 މަސް ދުވަހުގެ މުއްދަތަށް ހިންގި ޕްރޮގްރާމްއާއި ބެހޭގޮތުން ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރު އަލްވީން ޑްރެގޯ ވިދާޅުވީ އެ ރިސޯޓުން ހަމައެކަނި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށް ދެނީ ނޫން ކަމަށާއި
މުވައްޒަފުން ތަމްރީނުކޮށް، ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވަން އަބަދު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަަށް ވިދާޅުވި އެވެ.

ރިސޯޓް ފަދަ ހިދުމަތް ދޭ ތަންތަނުގައި ތަމްރީނުގެ އިތުރުން ގާބިލް މުވައްޒަފުން ތިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެހެންވެ ޒުވާނުން ތަމްރީނުކޮށް، ޓޫރިޒަމް ދާއިރާއަކީ ގާބިލް މުވައްޒަފުންތަކެއް ތިބި ދާއިރާއަކަށް ހެދުމަކީ ޝަންގްރިއްލާގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އަލްވީން ވިދާޅުވި އެވެ.

އައްޑޫ މޭޔަރު ވިދާޅުވީ ޝަންގްރިއްލާ ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއްގެ ސެޓްފިކެޓް ޒުވާނުންތަކަކަށް ލިބުމަކީ ޒުވާނުންގެ ކުރިމަގަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ވިލިގިލި ރިސޯޓުން ބުނީ އަންނަ އެޕްރީލް މަހުގެ ތެރޭގައި އާ ޕްރޮގްރާމެއް ފަށާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި މަދުވެގެން 10 ކުދިން ބައިވެރި ކުރާއިރު އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނުމަކީ ވަރަށް ބޮޑު އަމާޒެެއް ކަމަށް ޝަންގްރިއްލާ އިން ބުންޏެވެ.