ހިންދީ ސިނަމާގައި ހަތްދިހައިގެ ތެރޭގައި ފިޔަޖެހި މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ޒީނަތު އަމަން އާއި ޝަބާނާ އާޒްމީ އެކީގައި ކުޅޭ ފިލްމެއްގެ ޝޫޓިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ އިއްޔެ ރަސްމީކޮށް ލޯންޗްކުރި، އޭނަގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސް، ސްޓޭޖް 5 ޕްރޮޑަކްޝަނުން އެންމެ ފުރަތަމަ ހަދަން ނިންމާފައިވާ ތިން ފިލްމުގެ ތެރެއިން އެކައްޗެވެ. އެގޮތުން ޒީނަތާއި ޝަބާނާގެ އިތުރުން އަބޭ ޑިއޯލް ވެސް ކާސްޓްގައި ހިމެނޭ ފިލްމަށް ދީފައިވާ ނަމަކީ "ބަން ޓިއްކީ" އެވެ.
މީގެ ޑައިރެކްޓަރަކީ "ޝީރު ކޯރްމާ" އާއި "ދުލްހާ ވޯންޓެޑް" އަދި "ސިސަކް" ފަދަ ފިލްމުތައް ގެނެސްދިން ފަރާޒް އާރިފިުއަންސާރީ އެވެ.
ޝަބާނާ އާއި ޒީނަތު އެކީގައި ފިލްމަކުން ފެނުން ވާނީ ބެލުންތެރިންނަށް، ހާއްސަކޮށް ދެ ތަރިންގެ ފޭނުންނަށް ވަރަށް ވެސް ހާއްސަ ކަމަކަށެވެ.
ޝަބާނާ، 72، އަކީ ކުރީގެ ބަތަލާއިންގެ ތެރެއިން ނުގެއްލި ފިލްމުތަކުން އާންމުކޮށް ފެންނަ ތަރިއެކެވެ. އޭނަގެ ދެ ފިލްމެއް ފާއިތުވި ދެ މަހު ރިލީޒްވެފައިވެ އެވެ. އެއީ ޖުލައިގައި ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އާރް ބަލްކީގެ "ގޫމަރު" އެވެ.
މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ޒީނަތު، 71، ގެ އެންމެ ފަހުގެ ފިލްމަކީ 2019 "ޕާނިޕަތު" އެވެ.