Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އުރީދޫ މަސް ރޭސް ނިންމާލީ ރެކޯޑުތަކަކާ އެކީ

އުރީދޫ މަސް ރޭސް 2023 ތެރެއިން / ފޮޓޯ: އުރީދޫ

ރާއްޖޭގެ މިހާތަނަށް އެންމެ ގިނަ ޓީމުތަކާއި އެކު ބޭއްވި މަސް އުރީދޫ މަސް ރޭސް ގިނަ ރެކޯޑުތަކެއް ހެދުމަށް ފަހު ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

މިފަހަރު މަސް ރޭސް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތެރޭ ރާއްޖޭގެ ހަތަރު ސިޓީގައި ވަނީ ބާއްވާފައެވެ. އުރީދޫ މަސްރޭސް 2023 މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ގައި ކުރިއަށް ގެންގޮސް ކޮންމެ ސިޓީ އަކުން 1 ވަނަ 2 ވަނަ 3 ވަނަ އާއި އެންމެ މޮޅު އަންހެން އަދި ފިރިހެން ކެޔޮޅުގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތްތައްވެސް ވަނީ ހޮވާފައެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި މަސް ރޭހުގައި މިއަހަރު 74 ޓީމުން ބައިވެރިވިއެވެ.

އެގޮތުން އުރީދޫ މަސްރޭސް 2022 ގައި ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ގެ ރެކޯޑް މުގުރާލާ މި އަހަރުގެ މުބާރާތުގައި މޮޅު ވި ޓީމު ތަކުގެ ތެރެއިން ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސް ވަނީ 1326.45 ޕޮއިންޓް ހޯދާފައެވެ. އަދި ކުޅުދުއްފުށި ސިޓީއިން ބުޅިކެނޑި ޓީމުން 1214.25 ޕޮއިންޓް ހޯދައިފައިވާއިރު މާލި ސިޓީއިން މުބާރާތް ކާމިޔާބު ކުރީ ސޮނީ ފިޝިން ޓީމުން 860 ޕޮއިންޓް ހޯދައިގެންނެވެ.

އުރީދޫ މަސް ރޭސް 2023 ތެރެއިން / ފޮޓޯ: އުރީދޫ

މިއަހަރު މުބާރާތުގައި ވަނީ މުޅިން އަލަށް ހިބަރެއް ބާނާފައެވެ. މިއީ މީގެ ކުރިން އެއްވެސް މަސްރޭހެއްގައި ނުބޭނޭ މަހެކެވެ. ހިބަރެއް ބޭނުމަކީ ކޮންމެ މަސްވެރިއަކަށް ފަހުރެއް ކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ. ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަން ޓީމް ބުޅި ކެނޑި އާއި ރަނަރަޕް ޓީމް ލައްޓި ވަނީ ޖުމްލަ 3 ހިބަރު ބާނާ ތާރީހު ހަދައިފަ އެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ކަނޑުގެ ބަޔޯޑައިވާސިޓީ މުއްސަނދިކަމާއި ބައިވެރިވާ ޓީމުތަކުގެ ހުނަރު ދައްކުވައިދޭ ކާމިޔާބީއެއް ކަމަށް އުރީދޫއިން ބުނެއެވެ. މީގެ އިތުރުން ފުވައްމުލައް އަދި އައްޑޫގައި ބޭއްވި މުބާރާތުގައި ކަށްޓެޅި ވަނީ ބާނާފައެވެ. އައްޑޫ މުބާރާތުގައި ކައްޓެޅި ބޭނީ، ޓީމް ފެހުރިހިއެވެ. ފުވައްމުލައް މުބާރާތުގައި ކަށްޓެޅި އެ ސިޓީއަށް ގިނަ ބަޔަކު ނިސްބަތް ކުރާ ކަށްޓެޅި ބޭނީ، ރީފް ރައިޑާސްއެވެ.

އިތުރަށް ފާހަގަކޮށްލެވޭ ބައެއް ކަންކަން

  • މާލެ: ޓީމް ކްރަންޗީޒްގެ ނައުޝާދު އެންމެ މޮޅު ފިރިހެން ކެޔޮޅު ގެ ލަގަބް ހޯދީ ޖުމްލަ 17 ބާނައިގެންނެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅު ގެ ޝަރަފު ޑެޓިއުންފިޝިންގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި މަސްވެރިކަމަށް ލޯބިކުރާ ފެޒޫ އަށެވެ.
  • ކުޅުދުއްފުށި ސިޓީ: އެންމެ މޮޅު ފިރިހެން މަސްވެރިޔާގެ މަގާމް 16 މަސް ބާނާ ޓީމް ލައްޓީގެ އާދަމް ހިލްމީ ހޯދިއިރު، އެންމެ މޮޅު އަންހެން ކެޔޮޅު މަގާމު ޓީމް ދަމާ ނާގާގެ ޚަދީޖާ މޫސާ ވަނީ ކާމިޔާބުކޮށްފައެވެ.
  • އައްޑޫ ސިޓީ: ޖުމްލަ 7 މަސް ބާނާ ޓީމް ހެޕީ މާކެޓުގެ އިބްރާހިމް އަބްދުالله އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވާއިރު އެންމެ މޮޅު އަންހެންކެޔޮޅުގެ މަގާމަށް ހޮވުނީ ޓީމް ފެހިރިހީގެ އަޒްލިފާ އަޒީޒެވެ.
  • ފުވައްމުލައް ސިޓީ: އެންމެ މޮޅު މަސްވެރިޔާގެ މަގާމް އަބްދުالله އިބްރާހިމް ހޯދީ ޖުމްލަ 17 މަސްބާނައިގެންނެވެ. އަދި ފުވައްމުލައް ސިޓީގެ އެންމެ މޮޅު އަންހެން ކެޔޮޅު ކާމިޔާބު ކޮށްފައިވަނީ ޓީމް މޭރި ބޮލް އިން ސަފާ އަދްނާނެވެ.

އުރީދޫ މަސްރޭސް 2023 ގެ އެންމެ ބަރު މަސްތައް

އުރީދޫ މަސް ރޭސް 2023 ތެރެއިން / ފޮޓޯ: އުރީދޫ

މިކެޓަގަރީންވެސް ރެކޯޑުތަކެއް ފެނިގެން ދިޔަ ކަމަށް އުރީދޫއިން ބުނެއެވެ. މިކެޓަގަރީން އެންމެ މޮޅު ފަރާތަށް ސީ ގިއާ މޯލްޑިވްސްގެ ހާއްސަ ގިފްޓް ޕެކް އެއް ލިބިގެން ދިޔައެވެ. މާލެ ސިޓީ އިން ޓީމް ސޮނީ ފިޝިންގް އިން ވަލީދު 17.54 ކިލޯގްރާމް ބަރުދަނުގައި ހުރި ބޮޑު މުޑަހަންޖެއް ބާނާފައިވާއިރު، ކުޅުދުއްފުށި ސިޓީއިން އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ބުޅި ކެނޑިން ހަސަން އަލީ އެވެ. އޭނާ ބޭނި މަހުގައި 25.85 ކިލޯގްރާމްގެ ހުރިއިރު، އެއީ ހިބަރެކެވެ. އައްޑޫ ސިޓީ ގެ ޗެމްޕިއަން ޓީމް – ޓީމް ފެހުރިހިން ނަޖާ 5.5 ކިލޯގެ ބަރުދަނުގައި ހުރި ފާހަގަކޮށްލެވޭ ވާހޫ (ކުރުމަސް) ބާނާފައިވާއިރު، ފުވައްމުލައް ސިޓީ އިން ޓީމް ރީފް ރައިޑާސްގެ އަބްދުالله އިބްރާހިމް ބޭނި 8.05 ކިލޯގްރާމްގެ ރޫބީއަކާ އެކު އެންމެ ދެކުނުގެ ސަރަހައްދުގެ އަގުހުރި މަސްވެރިކަން ފެނިގެން ދިޔަ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މަސް ރޭސް 2023 ތެރެއިން / ފޮޓޯ: އުރީދޫ

މުބާރާތުގެ ބައިވެރިވި ޓީމެއްގެ މެންބަރު ވަނީ ދުރާލާ މުބާރާތަށް ތައްޔާރުވެވުނުކަން ފާހަގަކޮށް މިމުބާރާތަށް އަންނަ އަހަރުވެސް އިންތިޒާރު ކުރާނެ ކަމަށް ބުނެފައެވެ. ރާއްޖޭގެ މަސްވެރިކަމުގެ އާދަކާދަ ކުރިއަރަމުން އަންނައިރު، އުރީދޫ މަސްރޭސް އިން ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ވެސް ކުލަގަދަ އަދި ފޯރިއާއެކު އައު ކާމިޔާބީތައް ފެނިގެން ދާނެ ކަމުގެ ޔަޤީންކަން އުރީދޫއިން ދެއެވެ.