Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ޑޮމެސްޓިކް ސާވަންޓުންނަށް ލިޔުންތައް ހުށަހަޅަން ނުޖެހޭ

އައްޑޫގައި އުޅޭ ބިދޭސީންތަކެއް މަސް ބާނަނީ. ފޮޓޯ/ އައްޑޫ ލައިވް

ޑޮމެސްޓިކް ސާވަންޓުންނާއި ޑްރައިވަރުންގެ ގޮތުގައި ރާއްޖެއިން ބޭރުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެންނަ އިރު، އެ މީހުންގެ އެމްޕްލޯއިމެންޓް އެޕްރޫވަލް ހޯދުމަށް ހުށަހަޅާ އިރު ބައެއް ލިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނީ، ވަޒީފާ ދޭ ފަރާތުގެ ބޭންކް ސްޓޭޓްމެންޓާއި ބިދޭސީ މީހާ ނިސްބަތްވާ ގައުމުގެ ހައިކޮމިޝަނުން އެޓެސްޓުކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ ދެން ހުށަހަޅާން ނުޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ އެކަން އެގޮތަ ނިންމީ، އެކަން ކުރުމަށް ގިނަ ބަޔަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާތީ ކަމަށާއި މި ލިޔުންތައް ހުށަހަޅަން ނުޖެހޭ ނަމަވެސް، އޭގެ ބަދަލުގައި މިހާރު ތަފާތު އެހެން ލިޔުންތަކެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ލިޔުންތަކުގެ މަޢުލޫމާތު، އިމިގްރޭޝަނުގެ ހޮޓްލައިނަށް ގުޅުމުން ލިބޭނެެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ޑޮމެސްޓިކް ސާވަންޓުންގެ ގޮތުގައި މީހުން ގެންނަ އެއް ޤައުމު ކަމުގައިވާ ނޭޕާލްގެ މަސައްކަތްތެރިންނަށް ވެސް މިކަން ކުރުން ވަނީ، ނޭޕާލްގެ ހައިކޮމިޝަނެއް ރާއްޖޭގައި ނުހުންނާތީ ދަތި ކަމަކަށް ވެފައެވެ.