Last Updated: June 8, 12:02
Monday, June 8, 2026
ސިޔާސީ

ދޮށީ އުމުރުގެ މީހުންނަށް ރެއަކީ އުފާވެރި ރެއެއް!

ރައީސް އަބްދުﷲ ޔާމީން ދޮށީ އުމުރުގެ މީހުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން

ދޮށީ އުމުރުގެ މީހުންނާ އެކު ރައީސް އަބްދުﷲ ޔާމީން ރޭ ބޭއްވެވި ބައްދަލުކުރެއްވުމަކީ، މީގެ ކުރިން ދުވަހަކު ވެސް ގައުމެއްގެ ރައީސަކާ އެކު ހޭދަކޮށްލުމަށް، އެ ފަރާތްތަކަށް ލިބިފައި ނުވާ ފަދަ އުފާވެރި، ތާރީހީ ވަގުތުކޮޅެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

އާއްުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި، އުމުރުން ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެ ކަމުން އަންގައި ދެނީ ރައީސްގެ ހިތްޕުޅުގައި ދޮށީ އުމުރުގެ މީހުންނަށް އޮތް އިހުތިރާމާއި ލޯބި އަދި އެ ފަރާތްތަކަށް އަޅާލައްވާ މިންވަރެވެ. އަދި މިއީ ހުރިހާ އުމުރެއްގެ، ހުރިހާ ރައްޔިތުންނެއްގެ ސަރުކާރެއްކަން އެ ބައްދަލުވުމުން ސާބިތުކޮށް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮން ގައުމެއްގެ، ކޮން ރައީސެއްތޯ އެއްވެސް ކެމްޕެއިނެއް ކުރިމަތީގައި ނެތް އިރު، ސިޔާސީ އެއްވެސް މަންފާއެއް ފައިދާއެއް ހާސިލްކުރުމުގެ މަގުސަދެއް ނެތި މި ގޮތަށް ގައުމުގެ ދޮށީ އުމުރުގެ ފަރާތްތަކުގެ އިހްސާސްތައް އެ ފަރާތްތަކުގެ ދުލުން އަޑުއައްސަވާލެއްވުމަށް ހަތަރުވަރަކަށް ގަޑިއިރު ހޭދަކުރެއްވީ؟ ނުވަތަ ގަޑިއިރެއް ވެސް ހޭދަކޮށްލެއްވިތޯ؟" މުއާޒް ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ދިޔަ 1500 އަށް ވުރެ ގިނަ މީހުންގެ "މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމުގެ އިހްސާސްތައް"ކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ އެންމެންގެ ހާލު ރައީސް ސީދާ އޮޅުންފިލުއްވައި އެ ފަރާތްތަކުގެ އިހުސާސްތައް ކަނުލާ އަޑުއެއްސެވި އެވެ. އަދި އެފަދަ "އުފާވެރި، ތާރީހީ" ދުވަސްތައް އަދިވެސް ފެނިގެން ދާނެ ކަމުގެ ޔަގީންކަން ހުރިހާ އުމުރެއްގެ މީހުންނަށް އޭނާ ދެއްވި އެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ހަމައެކަނި މާލޭގެ ބޭފުޅުންނަށް ވެފައި އަތޮޅުތެރޭގައި ތިބީ އެހެން ޤައުމެއްގެ ރައްޔިތުން ތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.