Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޕްރަބާސްގެ "ސަލާރު" ނޮވެމްބަރަށް ފަސްކޮށްފި

މި މަހު ރިލީޒްކުރާ ގޮތަށް އޮތް ޕްރަބާސްގެ ފިލްމު "ސަލާރު" މި އަހަރުގެ ނޮވެމްވަރަށް ފަސްކޮށްފި އެވެ.

މި އަހަރު އިންޑިއާގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި މި އެކްޝަން ތުރިލާ ރިލީޒްކުރާ ގޮތަށް ކުރިން އޮތީ މި މަހުގެ 28 ގަ އެވެ. އެކަމަކު އަދިވެސް ފިލްމުގެ މަސައްކަތް ނުނިމި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތުމުން "ސަލާރު: ޕާޓް 1-ސީސްފައާ" ނޮވެމްބަރަށް ފަސްކުރީ އެވެ. ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެ ފިލްމު ނޮވެމްބަރުގައި ގެނެސްދޭން ނިންމި އިރު، އެ މަހުގައި ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ވެސް ރިލީޒްކުރަން ހަމަޖެހިފައިވާކަމެވެ. އެހެންވެ މިއީ ދެ ފިލްމުގެ ވިޔަފާރި ވާދައަކަށް ހިނގައިދާނެ ކަމަކަށް ވެދާނެ އެވެ.

"ސަލާރު" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ކަންނާޑާ ފިލްމު (ކޭޖީއެފް) ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ޕްރަޝާންތު ނީލް ހަދާފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި ޕްރިތުވީރާޖް ސުކްމަރަން، ޝްރޫތީ ހަސަން، ޖަގަޕަތީ ބާބޫ، ޓީނޫ އާނަންދު އަދި ސްރިޔާ ރެޑީ ފަދަ ދެކުނުގެ މަޝްހޫރު ތަރިން ހިމެނެ އެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކޮށް، ފްލޮޕް ބޯޑް އަޅުވަން ޖެހުނު ހުރާފީ ފިލްމު "އާދިޕުރުޝް" އެވެ. އޭނަ އާއި ދީޕިކާ ޕަދްކޯންގެ "ކަލްކީ 2898 އޭޑީ" އަކީ އަންނަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.